ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްލޭނާރު މަސްވެރިކަމަށް ބޮޑުތަނުން އިހުމާލުވެފައިވާ ސަރުކާރަށް "ނޫރާއްޖެ" ގޭ ކިޔައިގެން ސިޔާސަތެއް ހިންގުމުގެ އެއްވެސް ހައްގެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމުގަައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ "ބްލޫ ޕްރޮސްޕެރިޓީ" ކޯލިޝަން ގުޅިގެން ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވެ، މާވަށު ދާއިރާގެމެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ތަފާތު ނަންނަމުގައި މަސްވެރިން ރުއްސުމަށް ޕްރޮގުރާމް އިފްތިތާހު ކުރުމުން އެކަން ދިވެހި އެއްވެސް މަސްވެރިޔަކު ޤަބޫލު ނުކުރާނެކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމަށް ވެފައިވާ އިހުމާލު މިހާރުވެސް ފެންނަމުންދާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުންވެސް މަސްވެރިންނަށް ދެއްވާފައިވާ ސަމާލުކަން ކުޑަކަން ސާފުވެގެންދާކަމަށް ސައީދު ވިދާޅުވިއެވެ.
މަސްވެރިންނަށް އިހުމާލުވި ސަރުކާރަށް "ނޫ ރާއްޖެ" ސިޔާސަތު ހިންގުމުގެ ހައްގެއް އޮތްކަމަށް ޤަބޫލުކުރާނެ ފަޅުވެރިއެއް، ކެޔޮޅެއް، އޮޑިވެރިއެއް، ނެތްކަން ވެރިކަން ކުރާ ޕާޓީންވެސް ޤަބޫލުކުރާނެ. އަންނަ އަހަރުގެ ހޭދަ ބޮޑު 34 ބިލިޔަން ރުފިޔާގެ ބަޖެޓްގައި މަސްވެރިކަމަށް އޮތީ ވަރަށް ކުޑަމިންވަރެއް. ބޮޑީ ސަރުކާރުގެ ޚަރަދު.
– ސައީދު ވިދާޅުވިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގިނަ މަސްވެރިން ވަނީ މަހަށް ނުގޮސް އެމީހުންގެ ޝޫޢޫރުތައް ކަނޑުމަތީގައި ފާޅުކޮށްފައެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ނުދެވުމާއި، މަސްވެރިންނަށް އައިސް ލިބުމާއި، ތެޔޮވެސް އަގުވޮޑުވެފައިވާކަމީ މަސްވެރިންގެ ބޮޑު ޝަކުވާތަކެކެވެ. މަސްވެރިންގެ ދުވަހުގެ ޝަކުވާތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، މަސްވެރިންވަނީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށް ނުދީ އެއްވެސް އިންތިޚާބެއްގައި ދެން އެއްވެސް ބަޔަކު ވޯޓު ހޯދަން ނައުމަށް ގޮވާލާފައެވެ.
ރޭ އިފްތިތާހުރި "ނޫ ރާއްޖެ" ޕްރޮގްރާމުގައި ވާހަަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ދިވެހިންނަށް އިޤްތިޞާދީ ގޮތުން ކުރެއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަޙުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމުގައެވެ. އަދި، އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ނުކުޅެދިއްޖެ ހާލަތެއްގައި، އަޅުގަނޑުމެންގެ ޞިއްޙަތާއި، ދިރިއުޅުމާއި، އިޤްތިޞާދު ވެސް ސަލާމަތްކުރުމުގެ ފުރުޞަތު ގެއްލިދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ނޫ އިޤްތިޞާދެއް ބިނާކޮށް، ތިމާވެއްޓާ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މަދުވެގެން ރާއްޖޭގެ ކަނޑުތަކުގެ %20 ޙިމާޔަތްކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަށް ވާޞިލްވުމަށްތަކައި "ނޫ ރާއްޖެ" ޕްރޮގްރާމަކީ މުހިއްމު ހަރަކާތަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ