މަޖިލިހަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް މާދަމާ ތަރުތީބު ކުރަނީ

މަޖިލިހަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް މާދަމާ ތަރުތީބު ކުރަނީ

Author
އަހުމަދު
15 ފެބްރުއަރީ 2024 05:17
0

އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ބުނީ ގުރުއަތު ނެގުން އޮންނާނީ އިންތިހާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައި ކަމަށެވެ. ގުރުއަތު ނެގުމަށް ކެންޑިޑޭޓަކަށް ގުރުއަތު ނަގާ ވަގުތަށް، ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފިނަމަ، ސިޓީ އަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވުމުން ގުރުއަތު ނެގުމުގައި ބައިވެރި ވެވޭނެއެވެ.

"އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޒިރުވެވެން ނެތް ނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ." އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް 381 މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިއްޔެ މެންދުރު ފަހު 2:00 އާ ހަމައަށެވެ.

މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނާނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ޕާޓީން ތިން ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނެވެ. އެމްޑީޕީން ހަތަރު ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ވަނީ ނެރެފައެވެ. ތިން ވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައި ވަނީ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 41 ކެންޑިޑޭޓުން ނެރެފައިވެއެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީން ވެސް ކެންޑިޑޭޓުން ނެރެފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މަހު 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މަޖިލިހުން ފާސް ކުރި ނަމަވެސް އެ ބިލް ތަސްދީގު ކުރުމާ މެދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ގޮތެއް ނުނިންމަވައެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިހާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިހާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.