އީރާނުގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އީރާނުގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Author
ޙަސަން މުޙައްމަދު
28 މާރޗް 2026 01:41
0

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ މިނާބުގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް ދިން ލާއިންސާނީ ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ ތެރެއިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މިކަމާ ގުޅޭގޮތުން ހާއްސަ ބަޔާނެއް އިއްވަވާފައެވެ. އެކަމަނާ ވިދާޅުވީ 168 ކުޑަކުދިންގެ ފުރާނަ ގެއްލިގެންދިޔަ މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްކޮށްލާނެ އަމަލެއް ކަމަށެވެ.

މި ބަޔާނުގައި ޑރ. ސަލްމާ ވަނީ އިސްރާއީލަކީ ސްޓޭޓް ޓެރަރިޒަމަށް ހިތްވަރުދީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހަމުންދާ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުން މިފަދަ ޖަރީމާތައް ހިންގުން އިތުރުކުރަމުންދަނީ އެ ގައުމާމެދު ބައިނަލްއަގުވާމީ މުޖުތަމައުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީކަން ފާހަގަކުރައްވައި، އެކަމަށް ނިމުމެއް ގެނެސް ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ބާރުއަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.