ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ސްކީމުތަކުން ފުރުސަތު ދިނުމުގެ ގޮތުން، އެންމެ އަވަހަށް އިއުލާންކުރާ ސްކީމަކުން ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރ. މީދޫ، ނަރުގިސް، ތޯހާ ހުސައިން، "ރައީސްގެ ޖަވާބު" ސެގްމަންޓްގައި ކުރި ސުވާލަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ކުރިއަށް ގެންދަން ކެބިނެޓުން މިހާރު ނިންމާ އެކަމާ ގުޅޭ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކި އެކި ޖަމިއްޔާތަކާ އެކިއެކި މީހުންގެ ހިޔާލާ މަޝްވަރާއާ އެކު އެ ކެޓަގަރީގެ ޝަރުތުތައް ނިންމުމަށާއި މާލޭ ސަރަހައްދުގެ އިތުރުން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ހައުސިން ޔުނިޓުތަކުން ޖާގަ ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަމާ ގުޅޭ އޮނިގަނޑު މިހާރު އޮތީ ފާސްކޮށްފަ. ކެބިނެޓުން ނިންމާފަ އެ އޮތީ އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓުރިޒަމް ދާއިރާގެ އެކި އެކި ޖަމިއްޔާތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެކި އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާ އެކީގައި އެ ކެޓެގަރީގެ ތަފުސީލުތައް، މާނައަކީ ޝަރުތުތައް ކަނޑައަޅާނެ ގޮތާއި، ޕޮއިންޓު ދޭނެ ގޮތާއި، ކަންކަން ނިންމަން." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެކި އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ޓޫރިޒަމްގެ ދާއިރާގެ ފަރާތްތަކަށް އެ ސަރަހއްދެއްގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ވަކި އިންސައްތައެއް ކަނޑައަޅާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެއީ ހަމައެކަނި މާލެ އަދި ހުޅުމާލެ ސަރަހައްދުން އެކަނި ބޯހިޔާވަހިކަން ދިނުން ނޫން ކަމަށާއި އަތޮޅު ތެރޭގައި އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް މަސައްކަތްކުރާ ސަރަހައްދަކުން ހައުސިން ޔުނިޓުތައް ލިބޭނެ ގޮތެއް ކަނދައަޅަންވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތް އެންމެ އަވަހަށް ފެށޭ ހައުސިން މަޝްރޫއުގެ ތެރޭގައިވެސް ހިމަނައި ރިސޯޓު މުވައްޒަފުންނަށް ފްލެޓު ހާއްސަ ކުރާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާ ކުރިއަރުވަން އެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާނަންތޯ ތޯހާ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.