ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު އެކުލަވައިލުމުގެ މަސައްކަތް ފެށިތާ 20 އަހަރު ފުރުމާ ގުޅިގެން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓާއި ޔޫއެންޑީޕީ ގުޅިގެން ޚާއްސަ ސެމިނާރެއް މިއަދު ވިލާ ކޮލެޖުގައި ބާއްވައިފިއެވެ.
"ގާނޫނުލްއުގޫބާތަށް ވިހި އަހަރު: އުންމީދުތަކާއި، ކުރިއެރުންތަކާއި ގޮންޖެހުންތައް"ގެ ނަމުގައި ކުރިއަށްދާ މި ސެމިނާރު ފެށިގެންދިޔައީ މިއަދު ހެނދުނު 9:00 ގައި ވިލާ ކޮލެޖުގެ އޯޝަން ވިއު ހޯލްގައެވެ. ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ ސެމިނާރު ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އަލުން އިންތިޒާމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ދިގު ދަތުރު އަނެއްކާ ވަޒަންކޮށްލުމެވެ.
ސެމިނާރު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑރ. ޙަސަން ސަޢީދެވެ. 2005 ވަނަ އަހަރު ޑރ. ޙަސަން ސަޢީދު ބަންޑާރަނައިބުކަމުގައި ހުންނަވައި، އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ މި މަސައްކަތުގައި، އެ ދުވަހު ގާނޫނު އެކުލަވައިލި ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ޓީމުގައި ހިމެނިވަޑައިގެންނެވި، ބޮސްޓަން ކޮލެޖު ލޯ ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ލޯ، އަދުނާން އޭ. ޒުލްފިގާރު ސެމިނާރުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ބައިވެރިންގެ މެދުގައި ހިނގި މަޝްވަރާތަކުގައި، ގާނޫނު އެކުލަވައިލުމުގެ މަރުހަލާއިން ފެށިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހޭދަވި ދިހަ ވަރަކަށް އަހަރުގެ ދުވަހުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކާއި، ފާސްވުމަށްފަހު ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގާނޫނަށް އައި ބަދަލުތަކާ މެދު ތަފްސީލީގޮތެއްގައި ވާހަކަދެކެވެއެވެ. ޚާއްސަކޮށް، 2014 ވަނަ އަހަރުން ފެށިގެން ގާނޫނުލްއުގޫބާތަށް ގެނެވުނު ފަސް އިސްލާހާ، އެ އިސްލާހުތަކުގެ ސަބަބުތަކާއި، ޝަރުއީ ނިޒާމަށް އައި އަސަރުތައް ބައިވެރިން ދިރާސާކުރެއެވެ. މީގެ އިތުރުން، ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރު އެ ގާނޫނު އުވައިލުމަށް ކުރެވުނު މަސައްކަތްތަކާއި، ތަންފީޒުކުރުމުގައި ދިމާވި ދަތިތަކުގެ މައްޗަށްވެސް އަލިއަޅުވާލައެވެ.
ޑރ. ޙަސަން ސަޢީދާއި ޕްރޮފެސަރ ޒުލްފިގާރުގެ އިތުރުން، ކުރީގެ ބަންޑާރަނައިބު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލުން ކަމަށްވާ އަޙްމަދު މުޢިއްޒާއި ޙުސައިން ޝަމީމު ސެމިނާރުގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޒާމުކުރި ފަރާތްތަކުން ވިދާޅުވި ގޮތުގައި، މި ސެމިނާރަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިހާތަނަށް އައި ބަދަލުތައް ވަޒަންކޮށް، ކުރިއަށް ހުރި މަސައްކަތްތަކުގެ މިސްރާބު ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ކޮމެންޓު ފޮނުވާ