ނިހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

ނިހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 05:18
0

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގު ނިމި އޭނާގެ މައްޗަށް ދައުވާ އުފުލަން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ އެ މައްސަލަ ޕެންޑިން މައްސަލައެއްގެ ގޮތުގައި ގިނަ ދުވަސް ނުކުރައްވާނެ ކަމަށާއި މިހާރު ވެސް މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ދައުވާ އުފުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާންއާއި ނިހާންގެ އާއިލާގެ ބޭފުޅުންވެސް ވަނީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސީސީން ވަނީ މިހާރު ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް މިމައްސަލަ ފޮނުވަން ތައްޔާރު ވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.