7 ފެބްރުއަރީއަކީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު، ކަޅު ދުވަސްކަމުގައި، ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.
އާ ގާނޫނު އަސާސީއަށްފަހު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު އެމަނިކުފާނު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް ފަހުން ނަޝީދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރު ކޮށްގެންކަމަށާއި، ވެރިކަން ބަދަލުވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ގެނައި ބަޢާވާތަކުން ކަމުގައެވެ.
އެ ތާރީޚަށް 12 އަހަރު ފުރުމާއި ގުޅިގެން ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން ވައްޓައިލުމަށް ހިންގި ބަގާވާތަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަސް ކަމުގައެވެ.
އަދި އެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އިސްލާހީ ހަރަކާތްތެރިންނާއި ރައްޔިތުންގެ ބުރަ މަސައްކަތާއި ލިބުނު ގިނަގުނަ އަނިޔާތަކުގެ ތެރެއިން ގެނެވުނު ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބަގާވާތްކޮށް ވެރިކަން މަގުމަތިން ވައްޓައިލާފައި ވަނީ އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން ކަމުގައެވެ.
އެހެންކަމުން، އެއީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު، ކަޅު ދުވަހެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެ ބަޔާނުގައި ބުނެފައިވަނީ، 7 ފެބްރުއަރީ އަށްފަހު ޖެހިގެންއައި 8 ފެބްރުއަރީގައި ހަތިޔާރު އެޅި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ރައްޔިތުން ގައިގާ ތަޅައި އަނިޔާވެރިވެފައިވަނީ އިންތިހާ ދަރަޖައަށްކަން ކަންބޮޑުވުމާއެކު މިއަދު ވެސް ފާހަގަކުރާ ކަމުގައެވެ.
އަދި އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ދިއަ ދިއުމުން މިވަނީ މިއަދާ ހަމައަށް ވެސް އަރައި ނުގަނެވި ފޫނުބެއްދިއެވެ. މި ބަގާވާތް ދަ ޑިމޮކްރެޓްސް އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީމަުގެ 7 ވަނަ ދުވަހު ސަރުކާރު ބަދަލުވުމާއި ގުޅޭގޮތުން ހިންގުނު މިނިވަން ތަހުގީގަށްފަހު ތައްޔާރު ކުރެވުނު ކޯނީ ރިޕޯޓުގައި ބުނެފައިވަނީ އެދުވަހު ވެރިކަން ބަދަލުވެފައިވަނި ބަޢާވާތަކުން ނޫން ކަމުގައެވެ.