ޕީޖީ ޝަމީމް

ޝަމީމަށް ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޕީޕީއެމް/ޕީއެންސީން ގޮވާލައިފި

ޝަމީމަށް ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޕީޕީއެމް/ޕީއެންސީން ގޮވާލައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތޭލަކުން ދިން ހަމަލާގައި ބައިވެރިވާ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ގާބިލްކަމަކާ، އިހްތިޔާރެއް ބޭނުން ކުރުމަށާއި މިކަން ހިންގި ބަޔަކު ހޯދުމާއި ތަހްގީގު ކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ރާއްޖޭގެ ދާހިލީ އަމްނު ގެއްލުވައިލުމަށް، އަދި ދައުލަތުގެ ޒިންމާދާރު ހިދުމަތްތެރީންގެ ވާޖިބާ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ އަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ހަރަކާތްތަކެކެވެ. ކަން ހިނގާފައިވާގޮތާ މެދު މިހާތަނަށް މީޑިއާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގެ އަލީގައި، މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި އަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވޭތީ، މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާސިލުވުމަށް، ތަހްގީގުގައި މަސައްކަތްކުރުން މުހިންމުކަމުގައި މި ޕާޓީއިން ދެކެމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި ކޯލިޝަން އޮތް ހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ޒިންމާދާރު ބޮޑެތި މަގާމުތަކުގައި ތިއްބެވި ކޮންމެ ހިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަން ދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ލަފާ އަރުވައި އެއްބާރުލުން ދިނުމުގައި މި ކޯލިޝަން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އަދި ގައުމުގެ މަސްލަސްކަމާ އަމްނު ކަށަވަރު ކުރުމަށް އަބަދުވެސް މަގުފަހިކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މި ކޯލިޝަންގެ ލީޑަޝިޕާ، ކޯލިޝަންގެ ހުރިހާ މެމްބަރުންގެ ހެޔޮ ދުއާތަކާ، އިހްސާންތެރި ޝުއޫރުތައް ވަނީ، ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމްއާ އެކުއެވެ. އެމަނިކުފާނަށް އަވަސް ޝިފާއަކާ ދުޅަހެޔޮކަމަށް، އަދި ރައްކާތެރިކަމާ ސަލާމަތަށް މި ކޯލިޝަނުން އެދި، ދުއާކުރަމެވެ. އަދި މަގާމުގެ މަސްއޫލިއްޔަތާ ގައުމީ ޒިންމާތައް އަދާކުރެއްވުމަށް، ރަސްމީ މަސައްކަތަށް ދާދި އަވަހަށް އަނެއްކާވެސް ނުކުމެވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *