ޕީޖީ ޝަމީމަށް މިއަދު ދިން ހަމަލާ އިނދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހަރުއަޑުން ކުށްވެރިކުރަމަށެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ކުރާ ޖިނާއީ ކުށްތަކުގައި ޝަރުއީ ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރައްވާ އިސް ވަކީލެއްކަމަށާއި، ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައި ވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައު ބުނެފައި ވެއެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ބުނެފައިވަނީ، ރައީސް ޑރ މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމުގައެވެ.
އެމްޑީޕީން ރައީސް ޑރ މުއިއްޒަށް ގޮވާލަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަދި ރައީސް ޑރ މުއިއްޒު އާއި ރައީސް ޑރ މުއިއްޒުގެ ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.
ފުލުހުން ބުނެފައިވަނީ، ޝަމީމަށް ހަމަލާދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ