ކުރީގެ މެމްބަރު މެޓްރިކްސް މޯޑުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވައިފި

ކުރީގެ މެމްބަރު މެޓްރިކްސް މޯޑުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 08:10
0

އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނަޖާއިޒު ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ސްޓިއަރިން ކޮމިޓީގެ ރައީސް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވާފައިވާ މައްސަލައަކީ، ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށް ހުށަހެޅުމު މައްސަލައާކައި ގުޅިގެން ބަލާފައިވާ މައްސަލައެއްކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗް.އާރް މެނޭޖަރ އަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގުނުކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، މި މުވައްޒަފުން އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި ޢަމަލުކުރަމުންދާގޮތާ ޚިލާފަށް ދީފައިވާ ރިލީޒްއެއްކަން މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ޙާޟިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ޙާޟިރުވިކަމަށް ހިއްކުމަށްޓަކައި، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު، އެ ކުންފުނީގެ އައި.ޓީ މުވައްޒަފުންނަށް އަންގާފައިވާކަން، މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް އޭސީސީން ބުނެއެވެ.

ތަހުގީގަށް ފާހަގަ ކުރެވުނު ކަންކަމަށް ބަލައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، ހިތަދޫ
ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުވެސް ހިމެނޭގޮތަށް ރިލީޒްދީފައިވަނީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށްވާތީއާއި، އޭނާގެ އެ ޢަމަލަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނުގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުށެއްކަމަށްވާތީ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.