މާލޭ ސިޓީ ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތައް އިންފްރާސްޓަރަކްޗަ މިނިސްޓްރީއާއި ހަވާލުކުރުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު މާލޭ ސިޓީ ކައުންސިލްގައި ބޭއްވުނު އެކައުންސިލްގެ ބައްދަލުވުމުގައެވެ. ސިޓީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތައް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއައި ހަވާލު ކުރުމަށް ނިންމިއިރު، މި ހަފްތާގައި ބޭއްވުނު މޭޔަރ ބައި އިލެކްޝަން ކާމިޔާބުކުރި އާ މޭޔަރު އަންނަ ހަފްތާގެ ހޯދުވަހު ވަނީ މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައެވެ.
މިއަދު އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި ހަވާލުކުރުމަށް ނިންމި މަޝްރޫއުތަކުގެ އަގު 120 މިލިއަން ރުފިޔާއަށް އަރައެވެ.
މިއަދު ބޭއްވުނީ މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 130 ވަނަ ޖަލްސާއެވެ. މިޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޝްރޫއުތަކާ ގުޅޭ ގޮތުން ހުރި ބައެއް ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.
މިއަދުގެ ކައުންސިލް ބައްދަލުވުމުގައި، ކައުންސިލުން ހިންގި މަޝްރޫއުތަކާ ހަވާލުވެގެން އޭރު ހުންނެވި މިހާރު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް، މުހައްމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި އޭނާ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ، ބައެއް މަޝްރޫއުތައް އަވަސްކުރަން ކަމާ ގުޅުންހުރި މިނިސްޓްރީއާ ހަވާލުކުރުމަށެވެ.
ކޮންމެ ޕްރޮޖެކްޓުތަކަކީ ވެސް ވެލުއޭޝަން ހަދާނަމަ، 100 މިލިއަން ރުފިޔާއިން މައްޗަށް އަރާ ޕްރޮޖެކްޓުތަކެއް. ކައުންސިލުން ޚަރަދު ނުކުރި ކަމުގައި ވީނަމަވެސް މި ވަރު ޕްރޮޖެކްޓްތަކެއް ހިންގާއިރު މީގެ ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ބަލަން ޖެހޭނެ.
މިއަދު ކައުންސިލް ބައްދަލުވުމުގައި ޝާހިދު ވިދާޅުވިއެވެ.
އޭނާ ހުށަހެޅުއްވީ، ޕްރޮޖެކްޓްތައް ކަމާއި ގުޅުންހުރި ވުޒާރާތަަކަށް ހަވާލު ކުރާއިރު، މިހާރުވެސް އެއްބަސްވެފައި ހުރި ޓާމްސްތަކުގައި މަޝްރޫޢުތައް ކަމާގުޅުންހުރި ވުޒާރާތަކާއި ހަވާލު ކުރުމަށެވެ. ވުރާތަކާއި މަޝްރޫޢުތައް ހަވާލުކުރުމަށް އޭނާ ނިންމު ސަބަބަކީ މަސައްކަތް އަވަސްކުރުންކަމަށްވެސް އެނާ ވިދާޅުވިއެވެ.
މެކްސިމަމް ހަ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓު ހަވާލުކުރެވިފައި ހުރި ފަރާތްތަކަށް މަސައްކަތް ނުކުރެވޭ ކަމަށް ވަނީނަމަ، އެ ޕްރޮޖެކްޓުތައް އަނބުރާ ކައުންސިލަށް. އޭރުން ކައުންސިލުން އިތުރު ބަދަލެއް ގެންނަން ބޭނުންނަމަ، އެ ފުރުސަތު ކައުންސިލަށް ލިބިގެންދާނެ.
މިއަދު ކައުންސިލް ޖަލްސާއަށް ހުށަހެޅު ހުށަހެޅުން އޮތް ގޮތަށް ފާސްކުރަން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވުމުން، ސަރުކާރަށް މެޖޯރިޓީ އޮތް ކައުންސިލުން ވަނީ އެ ހުށަހެޅުން އޮތް ގޮތަށް ފާސްކޮށްފައެވެ.
ބައްދަލުވުމުގައި ބައިވެރިވި 11 ކައުންސިލަރުންގެ ތެރެއިން 10 ކައުންސިލަރުން ވަނީ އެ ކަމަށް ތާއީދުކުރައްވައިފައެވެ. އެއް ކައުންސިލަރު ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.
ކޮމެންޓު ފޮނުވާ