ގުޅިގެން މަސައްކަތް ކުރެވޭނެ މޭޔަރަކު ގެންނަން އެބަޖެހޭ: އަބުދުއްރަހީމް

ގުޅިގެން މަސައްކަތް ކުރެވޭނެ މޭޔަރަކު ގެންނަން އެބަޖެހޭ: އަބުދުއްރަހީމް

Author
ހުސެއިން
08 ޖެނުއަރީ 2024 10:22
0

އޭރަކު އޮންނަ ސަރުކާރާކާއި ގުޅިގެން މަސައްކަތް ކުރެވޭނެ މޭޔަރަކު މާލެއަށް އިންތިޚާބުކުރަން ޖެހޭކަމުގައި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ގަލޮޅުގައި މިރޭ ބޭއްވި، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އާޒިމާ ޝަކޫރުގެ ކެމްޕޭންގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށްގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށާއި، ވަކީން ޚާއްސަކޮށް މާލެއާ ދޭތެރޭ ވަރަށް ފޮނި އުއްމީދުތަކެއް ކުރައްވައިގެން ކަމުގައެވެ.

އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ މާލެއާމެދު ވަރަށް ރީތި ތަސައްވުރެއް ކުރައްސަވައިގެން ކަމަށާއި، އެ ތަސައްވުރުގައި ކުލަ ޖެއްސެވެން އޮތީ މާލޭ ސިޓީގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމުގައެވެ. އަދި އެ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ލިބިގެން ކަމުގައެވެ.

އެހެންވީމަ މިއަންނަ ހޮނިހިރު ދުވަހު ނިކުންނަވައިގެން މާލޭ ސިޓީގެ ރައްޔިތުން ވޯޓު ދެއްވާއިރު މޭޔަރާއެކީގަ އަނެއް 3 ކެނޑިޑޭޓުން ހޮއްވަވައި ދެއްވުން އެއީ މާލޭ ސިޓީގެ ރައްޔިތުން މާލޭ ސިޓީގެ ރައްޔިތުންނަށް ކޮންދެވޭ ކަމެއް. މާދަމާގެ މުސްތަގުބަލަށްޓަކާ ކޮށްދެވޭ ކަމެއް. މާލޭ ސިޓީގެ ރައްޔިތުންގެ މާދަމާގެ މުސްތަގުބަލް ބިނާކުރުމަށްޓަކާ، އަންނަން އޮތް ޖީލުތަކަށް އަމާން ރިވެތި ތަނަވަސް ހިއްގައިމު މާލެއެއް ހޯއްދަވާ ދެއްވުމުގެ ބޭނުމަށްޓަކާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް. މިކަމަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ލާޒިމް ކުރާކަމެއް.

އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ މިއަދު އެކަން މާލޭ ސިޓީގެ ރައްޔިތުން ނުކޮށްފި ނަމަ އެކަމާ މާދަމާ މާލޭ ސިޓީގެ ރައްޔިތުން ހިތާމަކުރަން ޖެހިދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.