ސޯޝަލް ހައުސިންގެ ޖޫރިމާނާތައް މާފްކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާ ހަމައަށް އަރާފައިވާ ޖޫރިމަނާ ފައިސާ ސަރުކާރުން މާފް ކޮށްދީފިއެވެ.
ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމާނާތައް މާފްކޮށް ދިނުމަކީ ރައީސް މުއިއްޒު ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖޫރިމަނާތައް މާފްކުރުމާއި ގުޅިގެން އާބަންކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޫރިމަނާ މާފް ކުރުމާ އެކީގައި ފްލެޓަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ނިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
މިއާއެކު، ފައިސާ ދިނުން ލަސްވެގެން އަރާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދުގެ %1 ކަމުގައި ކަނޑައެޅިގެންދާނެއެވެ، ވީމާ ދުވަހުން ދުވަހަށް ޖޫރިމަނާގެ އަދަދު އިތުރު ނުވެ، ޖޫރިމަނާ އަރާ އަދަދު ދުރާލާ ދެ ފަރާތަށް ވެސް އެނގިގެންދާނެއެވެ.
އާބަންކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.
އާބަންކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޖޫރިމަނާ އަށް ކުރިން އަހަރަކަށް %18 ދައްކަން ޖެހޭ އިރު، މި ބަދަލާ އެކު މަހަކު ނެގޭ %1 ޖޫރިމަނާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުމުން ބަދަލު ކުރުމަށް ނުވަތަ ދައްކަން ޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ މީހުން އަންނަ މަހުގެ 10 ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރިހަމަކޮށް އާބަންކޯގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެކުންފުނިން އެދިފައި ވެއެވެ.
އާބަންކޯއިން ބުނެފައިވަނީ، އެކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މާފްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދިނުމުގެ އިތުރުން، ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ އިތުރުން ވެސް ރަށްތަކުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކާ ކުލިވެސް ސަރުކާރުން މިހާރުވަނީ ކުޑަކޮށްފައެވެ.
ކޮމެންޓު ފޮނުވާ