ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ރެގިއުލޭޓް ކުރުމަށް އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލުމަށް މަސައްކަތްފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލު ކުރުމަކީ އަބަދުވެސް ފެންނަ މަންޒަރެއް ކަމަށާއި ޕާޓީން މަޖިލީހަށް ހޮވޭ އަދަދަށް މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ.
އެއް ވަރަކަށް، އެއް މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގައި ހޮވޭ އަދަދުތައް ހިފެހެއްޓިފައިނެތް އެއްވެސް ބަޔަކަށް.
އަލީ ނިޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް ނިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލަނީ އެމްޑީޕީން މެމްބަރުން ވަކިވިވުމާއި ގުޅުވައިގެން ނޫންކަމުގައެވެ.
މި 13 މެންބަރުން ދިޔައީމަ ނުވަތަ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް ދާތީ ވިސްނާ ވިސްނުމެއް ނޫން. މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ރައްޓެހި ޕާޓީތަކާއި ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަ ގެންދަން.
ނިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގައި އެންމެ އިސްކޮށް އުޅުއްވި ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އެ މެންބަރުން ޕާޓީއާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމްޑީޕީން ކޮންގްރެސް (ޕީއެންސީ)އާއި ގުޅިވަޑައިގެންނެވި މެންބަރުން:
1- އިބްރާހީމް ޝަރީފް/ މަރަދޫ ދާއިރާގެ މެންބަރު
2- މުޙައްމަދު ނިހާދު/ ފޭދޫ ދާއިރާގެ މެންބަރު
3- އަޙްމަދު ޚައިތަމް/ މައްޗަންގޮޅި ދެކުނު ދާއިރާ
4- ޢަލީ ޙަމީދު/ އިސްދޫ ދާއިރާ
5- ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް/ ކަނޑިތީމު ދާއިރާ
6- ޢަބްދުލްޣަނީ ޢަބްދުލްޙަކީމް/ ކުރެންދޫ ދާއިރާ
7- ޙަސަން ޒަރީރު/ މަތިވެރި ދާއިރާ
8- އިބްރާހީމް ނަސީރު/މުލަކު ދާއިރާ
9- ޢަބްދުލްމުޙްސިން ހަމީދު/ ނިލަންދޫ ދާއިރާ
10- އާދަމް ޢަލީ/ މާފަންނު ދެކުނު ދާއިރާ
11- މުޙައްމަދު ރާޝީދު/ ކޮމަންޑޫ ދާއިރާ
12- ޙަސަން ޝިއާން/ ތޮއްޑޫ ދާއިރާ
13- އިބްރާހީމް ޝާޒް/ ގުރައިދޫ ދާއިރާ
އިއްޔެ ރޭ ޕީއެންސީއާއި ގުޅިވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ 10 މެމްބަރުންނެވެ. އަނެއް ތިން މެމްބަރުން މާލޭގައި ނޫޅުއްވި ނަމަވެސް އެ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރެއްވި ފޮޓޯ އާންމުކޮށްފައެވެ.
މި މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ މިއަދާ ހަމައަށް ވެސް އެމްޑީޕީގައި ތިއްބެވި މެމްބަރުންނެވެ. އަދި ހައިތަމް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.
މި ހުރިހާ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވާނީ ޕީއެންސީއެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 44 އަށް އަރާއިރު، އެމްޑީޕީގައި މިރެއާ ހަމައަށް 56 މެމްބަރުން ތިއްބެވިއެވެ.
ކޮމެންޓު ފޮނުވާ