ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން މަވޯޓާ ޝަރީފް ހާމަ ކުރައްވައިފިއެވެ. މިކަން އޭނާ ހާމަ ކުރައްވާފައިވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި މަވޯޓާ ވަނީ އޭނާ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ މިވީހާ ދުވަހު ސިޔާސީ ކަންކަމުގައި މަސައްކަތް ކުރެއްވިއިރުވެސް ކުރެއްވުނު ރަގަޅު ކަމެއް ފެނިވަޑައި ނުގަންނަވާ ކަމުގައެވެ.
އެހެންނަމަވެސް މަވޯޓާ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވަން ނިންމެވި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޝަރީފް ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް މެމްބަރުގެ ގޮތުގައެވެ. އެގޮތުން އޭނާވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު މަޖިލިހުގައި ޚިދުމަތް ކުރައްވާފައެވެ.
ޝަރީފްއަކީ މިހާރު އަމަލުކުރެވެމުންދާ ފެހު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ޚާއްސަ މަޖިލިހުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާވަނީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ކުރެވިގެންދިޔަ އިސްލާހީ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ