މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މާދަމާ ހުޅުވާލާއިރު، 10 ގެސްޓް ހައުއަކަށް މާދަމާ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓުވަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުވަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަ އަލީ ރައްޒާން ވިދާޅުވީ މާދަމާ މާލެ ސަރަހައްދުގައި ގެސްޓް ހައުސް ހުޅުވާލާއިރު، އެންމެ ބޮޑު ސަމާލުކަމެއްދޭނީ އާންމު ރައްކާތެރިކަމާއިއެކު ފަތުރުވެރިކަން ހުޅުވާލުންކަމަށެވެ. ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިން ބައިތިއްބާ ހޮޓާތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ކޯވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ ގޮތަށް ގައިޑްލައިންވެސް މިރޭ ވަނީ އާންމު ކޮށްފައެވެ.
ގައިޑްލައިންގައި ހުރި އެހެން ކަންކަންތައްތަކަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތަކުގައި ވެސް އަމަލު ކުރަން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަންކަމެވެ. އޭގެތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައި އޮންނަ ލިޔުމެއް ހުށަހަޅަން ޖެހުމާއި ރާއްޖެ އިން ފުރުމުގެ 48 ގަޑިއިރުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓް ކުރުން ހިމެނެއެވެ. ރާއްޖެ އިން އެއްވެސް ފަތުރުވެރިޔަކަށް ފުރޭނީ ކޯވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން 24 ރަށެއްގެ 125 ގެސްޓްހައުސެއް ވަނީ އަލުން ހުޅުވާފައެެވެ. މިއާއެކު ގެސްޓުހައުސްތަކުން ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ 2476 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ