ނައީޝް ފެނޭތޯ ވައިގެ މަގުންނާއި ޑައިވް ކޮށްގެން ބޮޑު ސަރަހައްދެއް ބަލައިފި

ނައީޝް ފެނޭތޯ ވައިގެ މަގުންނާއި ޑައިވް ކޮށްގެން ބޮޑު ސަރަހައްދެއް ބަލައިފި

Author
ހުސެއިން
23 ޑިސެމްބަރ 2023 10:20
0
އައްޑޫ ސިޓީގައި މޫދަށް އެރި އެޅެނިކޮށް ގެއްލުނު މުޙައްމަދު ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި ކަނޑުގެމަގުންނާއި ވައިގެ މަގުން އަދި ޑައިވްކޮށްގެން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުން ވަނީ މިއަދު އެ ސަރަަހައްދުގައި ހަރަކާތްތެރިވެފައި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާ ކަމުގައެވެ.

ރައްޓެހިންތަކަކާއެކު އިހިނެގުމަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ ހޯދުމަށް ހޯދުމުގެ އޮޕަރޭޝަންގައި، އިންޑިއާއި ހަދިޔާ ކޮށްފައިވާ ޑޯނިއަރ ބޯޓުގެ ބޭނުން ނުކޮށް، އެމްއެންޑީއެފްއިން ބޭނުން ކުރަމުންދަނީ މޯޑްޑިވިއަންގެ ބޯޓުތަކެކެވެ.

ފާއިތުވެދިޔަ ތަނުގައި ވައިގެމަގުން މީހުން ހޯދުމަށާއި، އަދި ބަލި މީހުން އުފުލުމުގެ އިތުރުން ސާވައިލަންސަށް ސަރުކާރުން ބޭނުން ކުރަމުން އައިސްފައިވަނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި އަދި ޑޯނިއަރ މަތިންދާ ބޯޓެވެ.

އެމްއެންޑީއެފްއިން ސަރޗް އޮޕަރޭޝަންގައި ބޭނުން ކުރަމުން ދަނީ، އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ދަރިވަރުންގެ ޓްރެއިނިންތަކުގައި ބޭނުންކުރަމުންދާ ބޯޓުތަކެކެވެ. އޭވިއޭޝަން އެކަޑަމީން ބުނެފައިވަނީ އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި އެ އޭވިއޭޝަންއިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމުގައެވެ.

ސަރުކާރުން މި މުހިންމު އޮޕަރޭޝަންގައި އިންޑިއާގެ ވައިގެ އުޅަނދުތައް ބޭނުން ކުރަމުން ނުުދާއިރު، މި ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ނިންމާފައެވެ. އެހެންނަމަވެސް ސަރުކާރުން ބުނެފައިވަނީ، ޑޯނިއަރ ބޯޓު އިންޑިއާ ސިފައިން ބޭނުންކުރުން ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމުގައެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެމީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވަނީ ރެއިން ފެށިގެންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައިވާކަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުން އެދޭކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. ފެކްސް ކުރައްވާނަމަ 3391665 ނަންބަރަށް ފެކްސް ކުރެއްވުމަށް އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިކޮއި
ބަލަ މީހެއްގެ ފުރާނައޭ! މޭ ފުއްޕާފަ ނުތިބެ ދެން މޯޑީ ކައިރީގައި ބުނަންވީނު!