ދިވެހިބަހުން ލިޔެ ޝާއިއު ކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން ބުލޮކު ކުރުން އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.
ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއް ކަމުގައެވެ.
އެގޮތުން، ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީއިން އަބަދުމެ ވަކާލާތުކުރާ މަގެއްކަން ބަޔާން ކުރަމުން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެއީ ދިވެހި އެތަކެއް ރައްޔިތުންނާއި އެ ޕާޓީ ގުރުބާންވެގެން ހޯދި ހައްގުތަކެއް ކަމުގައެވެ. އަދި ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖުތަމައަކީ ދިމަގްރާތީ މުޖުތަމައެއް ކަމަށް އެ ޕާޓީއަށް އެއްބަސްނުވެވޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކީން ހާއްސަކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނެވެ. ސަރުކާރާއި ދެކޮޅަށް ރޭވިގެން, އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެއެވެ. މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެކެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ބުނެފައިވަނީ، ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައި އޮންނާން ޖެހޭނެ ކަމަށާއި، ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަން ކަމުގައެވެ.
އަދި މިހާރު ފެންނަމުންދަނީ، ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން ކަމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރޭގެ ވަގުތެއްގައި ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބުލޮކް ކޮށްފައެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.
މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ގިނަބައެއް ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.
ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ޝަހީބު ވިދާޅުވި އެވެ.
މި ދެ ވެބްސައިޓް ބްލޮކް ކުރި މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވެފައިވަނީ އެއީ ނުރައްކަލެއްގެ އިންޒާރުގެ ރަނގަބީލެއް ގޮތުގަ އެވެ. އަދި އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި ހިންގުމާ އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުން ކަމަށެވެ.
ދިޔަވަރު އޮންލައިންއާއި ކުރުސީ.ކޮމް ބްލޮކް ކުރުމަކީ ރާއްޖޭގައި ކުރިޔަށް އޮތް ތަނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިނިވަންކަމާއެކު ދެމި ނޯންނޭކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ