ރާއްޖޭގައި އިންޑިޔާގެ ސިފައިން އެއްވެސް ވަރަކަށް ނުތިބޭނެ ކަމަށާއި، ރާއްޖޭގައި ތިބީ އިންސާނިއްޔަތަށް މަސައްކަތް ކޮށްދޭން އައިސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހެލި ކޮޕްޓަރު ދުއްވަން ތިބި ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ޗެނަލް-13 ގައި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ގަބޫލު ކުރައްވަންތޯ ކުރެވުނު ސުވާލުގައި ހަލީމް ވިދާޅުވީ ރާއްޖޭގައި އެއްވެސް ވަރަކަށް އިންޑިޔާގެ ސިފައިން ނުތިބޭނެކަމަށެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅެނީ ވަކި މަޤްސަދެއްގައި ކަމަށެވެ. އަދި މިއަދު ރައްޔިތުން އެކަން ގަބޫލު ނުކުރާނެކަމަށް ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންނަކީ އިންސާނީ ޚިދުމަތެއް ކޮށްދެއްވަން ތިއްބެވި ބައެއް ކަމަށެވެ. އެއީ އަސްކަރީ ކަންކަން ހިންގުމަށް ރާއްޖޭގައި ތިބިބައެއް ނޫންކަމަށެވެ. އެމީހުންގެ ހަމަ އެކަނި މަސައްކަތަކަށް އޮންނާނީ ހެލިކޮޕްޓަރުގައި ކުރަންޖެހޭ ދަތުރުތައް ރާއްޖޭގެ ސިފައިންގެ ބެލުމުގެ ދަށުން ކުރުންކަމަށް ހަލީމް ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި އެއްވެސް ވަރަކަށް ނެތް. މިރާއްޖޭގައި ތިބީ އިންސާނީ ހައްގަށް އިންސާނިއްޔަތަށް މަސައްކަތް ކޮށްދޭން އައިސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހެލި ކޮޕްޓަރު ދުއްވަން ތިބިބައެއް. އެމީހުން ދާނީ އެމްއެންޑީއެފްއިން ބުނާމީހަކު ގޮވައިގެން، ބުނިތާކަށް. ބުނި އިރަކު ބުނި ގޮތަކަށް އެމީހުން ކަންތައްކުރާނީ. އެއްގޮތަކަށްވެސް މިރާއްޖޭގައި އިންޑިޔާގެ ސިފައިންނެއް ނުތިބޭނެ. ޔަގީން ނުތިބޭނެ.
– ހަލީމް ވިދާޅުވިއެވެ.
ޚަލީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބިކަމަށް އެމްއެންޑީއެފްއިން ވަނީ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު ހާމަކުރުމަކީ އެއީ ޤާއުމީ ސަލާމަތަށް ހުިރ ނުރައްކަލެއް ކަމަށްބުނެ އަދަދު ހާމަކޮށްފައި ނުވެއެވެ. އިންޑިޔާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ވަނީ ބޮޑު ކެންޕޭނެެއްވެސް ކޮށްފައެވެ. މި ކެމެޕެއިނާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ އައިއެސް އައިއެސް އާއި ގުޅިގެން ހިންގާ ކެންޕެއިނެއްކަމަށެވެ.
ކޮމެންޓު ފޮނުވާ