ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށާއި، އެމަނިކުފާނު ދެމި ހުންނަވާނީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުންމަތީ ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިގޮތުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރާނެ ކަމަށާއި، އެމަނިކުފާނު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވާ ކަމުގައެވެ. އަދި ރައްޔިތުންގެ ސަލާމަތާ ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އެމަނިކުފާނު ވަރަށް ފިކުރުކުރައްވާކަމަށް ވިދާޅުވަމުން، އެ ކަމަށް ޓަކައި އެމަނިކުފާނު އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް ދިވެހިރާއްޔިތުންނަށް ޓަކައި އަދާ ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން ބައެއް ވާހަކަ ދަންނަވާލަން ގަސްތުކުރަން. ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް. ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރޭ. މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރޭ. ހަމަ އެހެންމެ ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް.
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި ވާކަމުގައެވެ.
އަދި ރާއްޖޭގެ ޤާނޫނު ވެސް އެކަން މަނާކޮށްފައި ވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކާ އެކަށައެޅުފައި އޮތް އުސޫލެެއް ކަމުގައެވެ.
އެހެންވީމާ އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ.
ބަރަހަނާ މަންޒަރުތައް އެކުލެވޭ މަންޒަރުތައް ދައްކުވާ ހުރިހާ ވެބްސައިޓްތަކެއް ބަންދުކުރައްވާނެކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ޤާނޫނު ނަގަހައްޓަން ކަމަށާއި، މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ، އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހައި ދިވެހީން އަހުލުވެރިވާން ކަމުގައެވެ.