ރައީސް މުއިއްޒުގެ ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަމަށް ފަތުރާ ވާހަކައަކީ ދޮގު ވާހަކަތަކެއްކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަނީ އެއްވެސް ފަރާތަކަށް ބަދަލު ދިނުމަށް އާ ޕޭމަންޓެއް މި ސަރުކާރުން ދީފައި ނުވާނެ ކަމަށެވެ.
އަދި މިކަމާއި ގުޅޭގޮތުން ކަންކަން އިތުރަށް ސާފުކުރުމަށް މިނިސްޓްރީންވަރަށް އަވަހަށް ނޫސްބަޔާނެއް ނެރޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
https://t.co/XqIjEg5QoC
With reference to the article below, the ministry would like to clarify that no new payments have been made to compensate any such parties. A press release with details on this matter will be issued by the ministry soon— Ministry of Finance (@MoFmv) December 12, 2023
މި ސަރުކާރުންވެސް ބަދަލު ދޭން ފަށާފައިކަމަށް ބައެއް މީޑިއާތަކުގެ ރިޕޯޓު ކޮށްފައިވި ނަމަވެސް، ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް މުއިއްޒުވަނީ ފައިތުވި ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހު އުވާލައްވައިފައެވެ.
"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ، 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ މި އުޞޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް މިދެއްވި ލަފާގައި، މިއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުޞޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަން ފާހަގަކުރައްވާފައި ވާކަމަށެވެ.
އަދި، ޝަރުޢީ މަރުޙަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުޞޫލުގެ ދަށުން ޙައްލުކޮށްފައިވާ 5 މައްސަލައެއް ފާހަގަކުރައްވައި، މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށްކަމަށް ވިދާޅުވެފައިވެއެވެ. އަދި މި އުޞޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތަޢައްސުފީކޮށް ޢަމަލުކުރުމަށް މަގުފަހިވާ އުޞޫލެއްކަމަށާ، މި އުޞޫލު ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފުކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމުގައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ