ރިޔާސީ އިންތިޚާބު 2023 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ 5 ކެންޑިޑޭޓަކަށާއި، އެ 5 ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުންނަށް ޤާނޫނުގައިވާ ގޮތުގެ މަތީން، ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުގެ މިއަދު ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލި 08 ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނަށް ލިބި، އެ ބަޔާންތައް ކޮމިޝަނުން ދިރާސާކުރުމަށްފަހު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅާފައިވާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓާ މެދު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފިޔަވަޅު އެޅުމަށް މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާއިން ވަނީ ނިންމާފައިވާ ކަމުގައެވެ.
މިގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅާފައިވާ 5 ކެންޑިޑޭޓުން ކުރެ، ކޮންމެ ކެންޑިޑޭޓަކު -/20000 (ވިހިހާސް) ރުފިޔާ، އަދި 5 ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އެޖެންޓް -/6000 (ހަ ހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް އެ ފަރާތްތަކަށް ކޮމިޝަނުން މިއަދު ވަނީ އަންގާފައިވާކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.
ކޮމިޝަނުން ފިޔަވަޅު އަޅާފައިވާ ކެނޑިޑޭޓުންނަކީ:
- ޢުމަރު ނަޞީރު، ހ. ދޮންޖޭމުގެ، މާލެ
- ޙަސަން ޒަމީލް، މއ. މާވެޔޮ ވިލާ، މާލެ
- އަޙްމަދު ފާރިސް މައުމޫން، މއ. ކިނބިގަސްދޮށުގެ، މާލެ
- އިލްޔާސް ލަބީބް، ބުލޫސްކައި، ސ. ހުޅުދޫ
- މުޙައްމަދު ނާޡިމް، މ. ސީނުކަރަންކާގެ، މާލެ.
ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިހާބީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ފަހުން ތަސްދީގު ކުރައްވާފައެވެ.
އެ އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ ފާއިތުވި އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިންނެވެ.
މިގޮތުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ