އާ ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މުހިންމު މަޝްރޫއެއް ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ބަޖެޓް ކޮމިޓީން ބަޖެޓުން އުނިކޮށްފިއެވެ.
2024 ވަނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރޭ ބަޖެޓް ކޮމިޓީން ފާސްކުރިއިރު ބަޖެޓަށް ގެނައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ބޮޑު މަޝްރޫއެއް ކަމަށްވާ، ފުށިދިއްގަރުފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމެވެ. މި ފައިސާ ބަޖެޓުން އުނިކޮށްފައިވަނީ މިފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ބުނެއެވެ.
އަދި މި 400 މިލިއަން ރުފިޔާ ވަނީ އެހެން ޕްރޮޖެޓްތަކަށް ބަހާލަފައެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނި ކުރިނަމަވެސް، ގުޅީފަޅާއި ހުޅުމާލެ އާއި ގިރާވަރުފަޅު ހިއްކުމަށް އިތުރު 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.
ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އެ މަޝްރޫއަށް އެކަށައެޅި ފައިސާ އުނިކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކެނޑައެޅި ބަޖެޓް ކުޑަކުރުމަށް ދާންދޫ ދާއިރާގެ މެމްބަރުން ޔައުގޫބު ހުށަހެޅު ހުށަހެޅުން ވޯޓުން ފާސްވެގެންނެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ކޮށްގެން ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅު ކުރިޔަށް 30 ދުވަހުގެ ތެރޭގައި ހިއްކަން ފަށާނެކަމަށް ފާއިތުވި ނޮވެމްބަރުމަހުގެ 30ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އަންނަ އަހަރަށް ލާފާކޮށް، ކޮމިޓީން ރެ ފާސްކޮށްފައިވަނީ 48.8 ބިލިއަން ރުފިޔާއެވެ.
ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއެކު ކުރިން ހުށަހަޅާފައިވާ ބަޖެޓަށް 3.7 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހުއެވެ. ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަަރަށް ސަރުކާރުން 2022 ވަނަ އަހަރު ހުށަހެޅި 42.6 ބިލިއަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓްގައި ހިމެނޭ ބައެއް އަދަދުތައް:
- އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދު: 33.5 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދަށް ހިނގާނެކަަމަށް ލަފާކުރާ އަދަދު: 70.2 އިންސައްތަ ނުވަތަ 34 ބިލިއަން ރުފިޔާ (2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ހަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ)
- ކެޕިޓަލް ހަރަދު: ބަޖެޓުގެ 29.8 އިންސައްތަ
- ޕީއެސްއައިޕީއަށް: 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ޚަރަދު ކުރުމަށް (މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއަކާއި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅުއްވި މަޝްރޫއުތައް ހިމެނޭ)
ކޮމިޓީން ބަޖެޓަށް އިތުރު ކޮށްފައިވާ ބައެއް ބަދަލުތައް:
- ޖަމާލުއްދީން ސްކޫލްގެ ސްޕެޝަލް ނީޑް ކުލާސް ރޫމަށް ކަނޑައަޅާފައިވާ ތިން ލައްކަ ރުފިޔާގެ ބަޖެޓު ތިން މިލިއަން ރުފިޔާ އަށް އިތުރު ކުރުން
- މާފުށީ ހެލްތު ސެންޓަރު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ތިން މިލިއަން ރުފިޔާ އިން 11 މިލިއަން ރުފިޔާ އަށް.
- މާފުށީ މަގު ހެދުމުގެ މަޝްރޫއު 2.2 މިލިއަން ރުފިޔާ އިން ހަތް މިލިއަން ރުފިޔާ އަށް އިތުރު ކުރުން.
- އއ. ހިމަންދޫ މަގު ހެދުމުގެ މަޝްރޫއަށް އެއް މިލިއަން ރުފިޔާ އިން ތިން މިލިއަން ރުފިޔާ އަށް އިތުރު ކުރުން.
- ޅ. ކުރެންދޫ މަގު ހެދުމުގެ މަޝްރުއަށް ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާ ހަތް މިލިއަން ރުފިޔާ އަށް އިތުރު ކުރުން.
- އއ. މާޅޮހު މަގު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައިވާ ފަސް ލައްކަ ރުފިޔާ 2.5 މިލިއަން ރުފިޔާ އަށް އިތުރު ކުރުން.