މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފިއެވެ.
އެމްޑިޕިން ބުނެފައިވަނީ މިޖަލްސާ ފަސްކޮށްފައިވަނީ ވިއްސާރަ ވުމުން ކަމަށާއި، ޖަލްސާ ބައްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމުގައެވެ.
އެމްޑީޕީގެ މޭޔަރ ޕްރައިމަރީގައި ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި ޓކެޓް ދީފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށެވެ.
އެމްޑީޕީން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައި ވަނީ ކޮންމެ ދާއިރާކުން އެއް ކެންޑިޑޭޓް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި ދާއިރާތަކަށް ކުރިމަތިލި ބޭފުޅުންނަށް ޓިކެޓު ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ކަމުގެ މަގާމަށް އާޒިމް އެކަނި ކުރިމަތިލައްވާފައިވާތީ އޭނާއަށް ވެސް ވަނީ ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ވަނީ ލިބިފައެވެ.
ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބުނު އިތުރު ފަރާތްތައް:
– މެދު ހެންވޭރު ދާއިރާ – އަހުމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
– ހެންވޭރު ދެކުނު ދާއިރާ – ހައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
– މާފަންނު ދެކުނު ދާއިރާ – އަހުމަދު އިމްރާން – މ. ފަޅުމަތީގެ / މާލެ
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.
މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ މިހާރު ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވެވިއެވެ.
މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެވިއްޖެނަމަ މާލެއަކީ ޗާލު ނަލަ ތަނަކަށް ހައްދަވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ