ވަކި ޕާޓީއެއް އުފެއްދުމަކުން، ވެރިކަން ކުރާ ކޯލިޝަނަށް ނުރަގަޅު އަސަރެއް ކޮށްފައި ނުވަކަމަށާއި އެހެންބަޔަކު ސިޔާސީ ޕާޓީއެއް އުފައްދާތީ ކަންބޮޑި ނުވަކަމުގައި، ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބުދުއްރަހީމް މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ އާ އޮފީސް ހުޅުވުމަށްފަހު، ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންއެފް އުފެއްދުމުން ޕީއެންސީ/ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބުދުއްރަހީމް ވިދާޅުވީ އޭގެ ސަބަބުން ކޯލިޝަންއިން އެއްވެސް މީހަކު އެހެންފަރާތަކަށް ނުދާކަމަށާއި، ވެރިކަންކުރާ ކޯލިޝަނަށް މިހާރުވެސް ދަނީ މީހުން އިތުރުވަމުން ކަމުގައެވެ.
އެހެންވީމާ އަޅުގަނޑުމެންގެ ކޯލިޝަނަކަށެއް އަދި ވަކި ޕާޓީއެއް އުފައްދައިގެން އެއަކުން އަސަރެއް ނުކުރޭ މިހާތަނަށް އައިއިރު.
ރައީސް ޔާމިން އުފައްދަވާ ޕީއެންއެފް އުފެއްދުމުން ޕީޕީއެމް/ޕީއެންސީއަށް އެއްވެސް އަސަރެއް ނުކުރާނެކަން ފާހަގަކުރައްވަމުން އަބުދުއްރަހީމް ވިދާޅުވުއެވެ.
އަބުދުއްރަހމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެހެންކަމުން އެހެންބަޔަކު ޕާޓީ އުފައްދާތީ އެކަމާ ކަންބޮޑު ނުވާކަމުގައެވެ.
ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް. އެހެންވީމާ އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އަޅުގަނޑުމެން ނުވިސްނަން. އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން.
އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ވެރިކަމަށް އާދެވުނުއިރު ޕީއެންސީގައި ތިބީ އެންމެ 3،022 މެމްބަރުން ކަމަށާއި، އެހެންނަމަވެސް މިހާރު އެއަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމުގައެވެ.
ޕީޕީއެމް/ޕީއެންސީން ރޭވަނީ ދެޕާޓީގެ އިސް ލީޑަރަކަށް ރައީސް މުއިއްޒު ހަމަޖައްސާފައެވެ. އެއީ ދެ ޕާޓީގައި ކުރީގެ ރައީސް ޔާމިން އަދާކުރެއްވި މަގާމެވެ.
ކޮމެންޓު ފޮނުވާ