ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ ބޭނުންފުޅުގައި ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ފައްޓަވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކޮށްފައިވަނީ، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްތައްވެސް އަދި ކެބިނެޓްގެ މަސައްކަތްތައްވެސް ވަޒަން ކުރާނީ ރައްޔިތުން ކަަމަށާއި، ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމުގައެވެ.
އަޅުގަޑު އިރާދަ ކުރެއްވިއްޔާ ވައުދުވީ ގޮތަށް ރައްޔިތުންގެ ގާތަށް ދަތުރުތައްވެސް ފަށާނަން ވަރަށް އަވަހަށް. މިބަލީ ހަފްތާއެއްހާ ދުވަސްފަހުން ދަތުރުތައް ފެށޭތޯ. ހަމަ ކޮންމެ ރަށަކަށް ދާނަން. އަދި މާލޭ ސިޓީގަވެސް އެކި ދިމަދިމާލަށް ހަމަ ރެގިއުލާ މަސައްކަތުގެ ތެރެއިން ދާނަން. އަޅުގަޑުގެ ޓީމްތައްވެސް ދާނެ. ކެބިނެޓްގެ ބޭފުޅުންވެސް ވަޑައިގަންނަވާނެ. އެހެންވީމަ ރައްޔިތުންނާއެކީ މަސައްކަތް ކުރަން އަޅުގަޑުމެން މިތިބީ. އެގޮތުގަ އިރާދަކުރެއްވިއްޔާ ކުރިޔަށް ދާންނަ.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ކެބިނެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓް ޖަޖް ކުރާނީ ރައްޔިތުންކަމަށާއި، ބޭނުންފުޅުވަނީ ރެއާދުވާލު ވަރަށް ހީވާގިކަމާއެކު އެކީ މަސައްކަތް ކުރާނެ ޓީމެއްކަމުގައެވެ. އަދި ކެބިނެޓާ ދޭތެރޭ ފަޚުރުވެރިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ވަޒަންކުރަންވީ ކެބިނެޓްގެ މަސައްކަތްތައް ކަމަށާއި، ސަރުކާރުގެ ހުރިހާ އިސްވެރިންވެސް މަސައްކަތް ކުރާނީ ދެފުށް ފެންނަ ގޮތަށްކަމަށެވެ. އަދި ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައްވެސް ދާނީ ހާމަކުރަމުން ކަމަށާއި، މީޑިއާ ކުޑަ ޔުނިޓެއްވެސް ކޮންމެ މިނިސްޓްރީއެއްގަ އެކުލަވާލެވޭނެ ކަމުގައެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޓީމަކީ ރައްޔިތުންގެ ޓީމެއް ކަމަށާއި، ވައުދުވީ ގޮތަށް ރައްޔިތުންގެ ގާތަށް ދަތުރުތައްވެސް ވަރަށް އަހަށް ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހަފްތާއެއްހާ ދުވަސްފަހުން ދަތުރުތައް ރަށްރަށް ފަށާނެކަމަށާއި، މީޑިއާއެކީ ގާތުން މަސައްކަތް ކުރަން އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމުގައެވެ.