ހުސްވެފައިވާ މާލޭސިޓީގެ މޭޔަރުކަމާއި އަދި ހުސްވެފައިވާ މާލޭ ސިޓީގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިފިއެވެ.
މާލޭ ސިޓީގެ މޭޔަރުކަމާއި ކައުންސިލްގެ 3 ގޮނޑި ހުސްވީ ފާއިތުވި ރިޔާސީ އިންތިޚާބަށްފަހު، އެމަގާމްތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމްގައި ހުންނެވި ޑރ. މުއިއްޒުވަނީ މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ ހުވާ ކުރައްވަފައެވެ. ކައުންސިލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަނެއް ތިން މެމްބަރުން ވަނީ މުއިއްޒުގެ ސަރުކާރުގެ އިސް މަގާމްތަކަށް ވަޑައިގެންފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު ދެކުރު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ) ، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)ގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 ނޮވެންބަރު 28 ވާ އަންގާރަ ދުވަހުގެ 09:00 ން ފެށިގެން،2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައި ވާކަމުގައެވެ.
ކޮމިޝަންގެ އިއުލާނުގައި ވާގޮތުން މި މަގާމްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2024 ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުކަމަށާއި، މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 ޖެނުއަރީ 15 ވާ ހޯމަ ދުވަހު ކަމަށްވެސް އިއުލާންގައި ބަޔާން ކޮށްފައި ވެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީނާއި، ޑިމޮކްރެޓްސް ޕާޓީންނާއި އަދި އަލަށް އުފަައްދާ ޕީއެންއެފްއިންވެސް ވާދަކުރާނެކަން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ