މަޖިލިސް އިންތިހާބު ބާއްވާނެ ތާރީޚަކާމެދު އީސީއާއި ކޮމިޓީއަށް އެއްބަސްވުމަކަށް ނާދެވުނު

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީޚަކާމެދު އީސީއާއި ކޮމިޓީއަށް އެއްބަސްވުމަކަށް ނާދެވުނު

Author
ހުސެއިން
29 ނޮވެމްބަރ 2023 02:26
0

އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވާނެ ތާރީޚަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ޚިޔާލު ތަފާތު ވެއްޖެއެވެ.

އީސީންވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޓީން ލަފާދިން ތާރީޚުގައި އިންތިޚާބު ބޭއްވުމުގައި ގޮންޖެހުންތައް ހުރިކަމަށް ބުނެފައެވެ. އެގޮތުން އީސީން ބުނެފައިވަނީ ގާނޫނުގައި ބުނާ މުއްދަތަށް ތާވަލް ކުރުމުން އިންތިޚާބު އެންމެ ލަސްކޮށް ބޭއްވެން އަންނަނީ އަންނަ ރޯދަމަހުގެ ފަހު ދިހައިގެ ފުރަތަމަ ދުވަހު ކަމަށެވެ. އެހެންނަމަވެސް ރޯދަމަހުގެ ފަހުދިހަ ބަންދު ކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާތީ އެ ތާރީޚުގައި އިންތިޚާބު ބޭއްވުމުގައި އިދާރީ ދަތިތަކެއް ހުރިކަމަށް އީސީން ބުނެފައި ވެއެވެ.

އެގޮތުން ކޮމިޝަނުން އެދުނީ އެމައްސަލާގައި ގާނޫނީ ހައްލެއް ހޯދާ ދިނުމަށެވެ.

މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ލަފާ ދީފައިވަނީ، ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަމަހަށްފަހުވެސް ލިބޭނެތީ، މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވުނު މިނިވަންމުވައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުވާދު ތައުފީގު ވިދާޅުވީ މީގެ ކުރިންވެސް ރޯދަމަހު ބޭއްވި އިލެކްޝަންސްތަކުގެ ނަތީޖާ ރަގަޅު ނޫންކަމުގައެވެ. އަދި އޭގެ ކަންބޮޑުވިން ކެނޑިޑޭޓުންނާއި އަދި ޕާޓީތަކުންވެސް ފާޅު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ކޮމިޓީގެ ގިނަ މެމްބަރުން ވިދާޅުވެފައިވަނީ ރޯދައިގެފަހުން އިންތިޚާބު ބޭއްވުމަށް ގާނޫނީ ހުރަހެއް ނެތްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ދައްކާ ވާހަކަތައް ބަލައިގަންނަން ދަތި ކަމުގައެވެ.

ކޮމިޓީގެ ގިނަ މެމްބަރުން ވިދާޅުވެފައިވަނީ ރޯދަމަހަކީވެސް އެހެން މަސްތަކެކޭ އެއްފަދައިން މަސައްކަތް ކުރެވޭނެ މަހަކަށްވާތީ އެމަހުގައި އިންތިޚާބު ބޭއްވުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައެވެ. އަދި މެމްބަރުން ތުހުމަތު ކޮށްފައިވަނީ ކޮމިޓީއަށް މައްސަލަ ގެނެސްގެން އެބޭފުޅުން ބޭނުންވާ ދުވަހަކު އިންތިޚާބު ބޭއްވުމަށް އީސީން މަސައްކަތް ކުރާކަމަށް ތުހުމަތު ކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މިމައްސަލާގައި އީސީގެ މެންޑޭޓުގެ ތެރެއަށް ކޮމިޓީން ނުވަންނާނެ ކަމަށާއި، އެހެންނަމަވެސް އިންތިޚާބު އަވަސްކޮށްފިނަމަ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަންލިބޭ ވަގުތު މަދުވެ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.