ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން މައްސަލަ ހުށަހެޅި އަންހެނަކަށް ގުޅާ މެސެޖްކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ އެރަށު ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ރައްޔިތުންގެ މަޖިލިހުގެ ޖިޑިޝަރީ ކޮމިޓީއަށް ހާޒިރުވުމަށް ފަހު ފުރުސަތު ދީފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރު ވިދާޅުވީ، މެޖިސްޓްރޭޓް އަލީ އާދަމް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާނީ ވަކީލަކާއި އެކުގައި ކަަމަށް މީގެ ކުރިން ސިޓީއަކުން ވިދާޅުވި ކަމަށެވެ.
އެހެންނަމަވެސް މިއަދު އަނެއްކާވެސް އޭނާގެ ސިޓީއެއް ލިބިފައިވާކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ. އެ ސިޓީގައި އަލީ އާދަމް ވިދާޅުވެފައިވަނީ، މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަަށް، ކަމަށް މުގައްރިރު ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އޭނާ ކޮމިޓީއަށް ހާޒިރު ވުމަށް ފަހު ފުރުސަތު ދިނުމަށެވެ. އެދުވަހު ހާޒިރު ނުވެއްޖެނަމަ، އޭނާ ކޮމިޓީއަށް ހާޒިރު ނުވީކަމަށް ބަލާ، މައްސަލަ ކުރިޔަށް ގެންދާގޮތަށް ކޮމިޓީންވަނީ ނިންމާފައެވެ.
ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ޢަލީ އާދަމްގެ މަޤާމު ދަށް ކުރުމަށްވެސް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވެއެވެ.
ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އަލީ އާދަމް އަކީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު ކަމަށެވެ. މީގެ ކުރިން އޭނާ އަދާކުރެއްވީ އިސް މެޖިސްޓްރޭޓުގެ މަގާމެވެ. ޖޭއެސްސީން ބުނީ އަލީ އާދަމްގެ މަގާމު ދަށްކުރަން ނިންމީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާނުކޮށް، ފަރުވާކުޑަކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަލީ އާދަމް ވަކިކުރުމުގެ މައްސަލައެއް ކުރިން ހުށަހެޅީ ޖުލައި 23 ގައެވެ. ޖޭއެސްސީން ބުނެފައިވަނީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ އެ ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާވެސް އަރުވާފައެވެ. އޭގެ ތެރޭގައި ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅައި މެސެޖްކޮށް ހެދި މައްސަލައެއްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ