ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޕީޕީއެއިން ޕީއެންސީއާއި ގުޅިގެން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ނިންމައިފިއެވެ.
އެޕާޓީން މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވުނު ޕާޓީގެ ސެނެޓް ބައްދަލުވުމުގެ އިންތިފާގުންނެވެ.
ޕީޕީއެމްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ސެނެޓްގެ އިއްތިފާޤުން ފާސްކޮށްފައި ވާކަމަށާއި އަދި ދެންހުރި ކަންކަން ނިންމާނީ ދެޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށެވެ.
މި ބައްދަލުވުމުގައި ޕީޕީއެމްގ ސެނެޓްގެ ގިނަ މެމްބަރުން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ޕީޕީއެމް ޕީއެންސީން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، ޕީޕީއެމްގެ ކުރީގެ ރައީސް ޔާމިންވަނީ އެޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.
ޔާމިން އުފައްދަވާ އާ ޕާޓީގެ ނަމަކަށް ހަމަޖައްސާފައިވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އެވެ. ކުލައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލައެވެ.ޕީއެންއެފްގެ ކުލައަކީ މީގެކުރިން ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީލަސް އެލަޔަންސް (ޕީއޭ) ގެ ވެސް ކުލައެވެ.
ޔާމިން އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހެނދުނު 10:00 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.