މައްސަލަ ބެލުމަށްފަހު ސުލޫކީ ކޮމިޓީން ނިންމީ މަލީހު ޕީޕީއެމުން ވަކިކުރަން

މައްސަލަ ބެލުމަށްފަހު ސުލޫކީ ކޮމިޓީން ނިންމީ މަލީހު ޕީޕީއެމުން ވަކިކުރަން

Author
އައިޝަތު އަޙްމަދު
23 ނޮވެމްބަރ 2023 09:03
0

ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްސަލަ ބެލުމަށްފަހު މިރޭ އެޕާޓީން ވަކިކޮށްފިއެވެ. މަލީހުގެ މައްސަލަ ބެލުމަށް މިއަދު ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. ނަމަވެސް މަލީހު ހާޒިރުވެފައެއް ނުވެއެވެ.

މަލީހު ޕީޕީއެމުން ވަކިކުރަން ނިންމީ އެޕާޓީގެ ސުލޫކީ ކޮމިޓީގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި ސުލޫކީ ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް މަލީހް އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ލީޑަޝިޕް އަދި ސެނެޓަށް އެނގުމެއް ނެތި އަމިއްލައަށް ކޮމިޓީތައް އުފައްދަވައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑަޝިޕް ނުވަތަ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމްކޮށް ބައިބައި ކުރުމުގެ މަސައްކަތެއް މަލީޙް ކުރައްވާފައިވާ ކަމަށް ވެސް ދެ ބޭފުޅުންގެ ސިޓީގައިވެއެވެ.

މަލީހުގެ މައްސަލަ ބެލުމަށް ވަނީ ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާ އިން ލީޑަޝިޕަށް ލިބިގެންވާ ބާރުގެ ދަށުން އޭނާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް ފޮނުވިފައިވާފައެވެ.

އެ ސިޓީގައި ވަނީ މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަން ދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހް ބައިވެރިވެގެން ނުވާނެ ކަން ވެސް އަންގައިފައެވެ.

ރޭ ޕީޕީއެމް އޮފީހުގައި، މަލީހު އިސްވެ ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ބައްދަލުވުމެއް ކަމަށް އެޕާޓީން ބުނެއެވެ. އާންމުކޮށް ޕީޕީއެމުން ނޫސްވެރިންނާ ބައްދަލުކުރާނަމަ، އެކަން އެ ޕާޓީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއެވެ. ނަމަވެސް, ރޭގެ ބައްދަލުވުމާ ބެހޭގޮތުން އެފަދަ އެއްވެސް މެސެޖެއް ހިއްސާ ނުކުރެއެވެ.

މަލީހާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް, އައްބާސް އާދިލު ރިޒާ އިސްކޮށް ތިއްބަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެއްޓެވީ ކޮން ހައިސިއްޔަތަކުންތޯ މިހާތަނަށްވެސް ސާފުވެފައި ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.