19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހެެކެވެ. މަޖިލީހުގެ މަސައްކަތްތަކާއި، މަޖިލީހުގެ ޖަލްސާއަށް ކުރިއަށް ގެންދާ ގޮތަށް ބަލާއިރުވެސް ތަފާތު ފެނިގެން ދެއެވެ. މަޖިލީހުގެ ނިމިގެން މިދާ އަހަރުގެ މަސައްކަތްތަކަށް ބަލައިލުމުންވެސް އެކަން ހާމަވެއެވެ. މަޖިލީހުގެ މަސައްކަތްތަކާއި އެއްވަރަށް މަޖިލީހުގެ ތެރެއިންވެސް ތަފާތު ކަންތައްތައްތަކެއް ފެނެއެވެ.
19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތަމްސީލުކުރާއިރު، މަޖިލީހަށް އިންތިޚާބު ވެފައިވާ އެންމެ ތަފާތު މެމްބަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމާއިމެދު ސުވާލު އުފައްދާނެ މީހަކު ނުހުންނާނެއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް މަޖިލީހުގެ ހުރިހާ ޖަލްސާތަކާއި، ކޮމިޓީތަކަށްވެސް ޖާބިރު ވަޑައިގަންނަވަނީ ކޯޓު ފަޓު ލޫނުގައެވެ. ތަފާތު އެކި ކުލަ ކުލައިގެ ކޯޓުތަކުގައި މަޖިލީހަށް ވަޑައިގެން ގިނަ ބައެއްގެ ސަމާލުކަން ޖާބިރުވަނީ ހޯދާފައެވެ.
ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވާއިރު، ބަސްތަން ބޭނުން ކުރެއްވުމުގައާއި، ވާހަކަ ދައްކަވާ ސްޓައިލަކީވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓޭ ކަމެކެވެ. "ވަގްތުން، ވަގްތަށް"، މަޖިލީހުގެ "ކަރްމާތްތެރިކަން" މިފަދަ ބަސްތަކަކީ ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވާއިރު އާންމުކޮށް ބޭނުން ކުރާ ތަފާތު ބަސްތަކެކެވެ. ބައެއް ދުވަސް ދުވަހު މަޖިލީހުގައި ކޯފާވެގެން އެތައް ފަހަރަކު ތަޅުން ދޫކުރައްވާ ވަޑައިގެނަވާ މަންޒަރުވެސް ފެނިގެން ދެއެވެ. މަޖިލީހުގައި ޖާބިރު ސްޓައިލާއި ގުޅޭގޮތުން މެމްބަރަކު ވާހަކަ ދެއްކެވުމުން ޖާބިރު ވިދާޅުވެފައިވަނީ "ނަމަނަމަ ކޯޓާއި ނުބެހޭތި، އައިނާ ނުބެހޭތި، އެއްލާ ހުށިޔާރު ގަލަމާއި ނުބެހޭތި" މިހެންނެވެ.
ޖާބިރަކީ މަޖިލީހުގައި ޑީއާރުޕީ ތަމްސީލް ކުރާ ހަމައެކަނި މެމްބަރުކަމުގައި ވީނަމަވެސް، ޖާބިރުގެ އަޑު މަޖިލީހުގައި ނީވޭ ދުވަހެއް މަދުވާނެއެވެ. ވާހަކަ ނުދައްކަވާ ބިލެއް، މައްސަލައެއް މަޖިލީހުގައި ކުރިއަށްނުދާނެއެވެ. ވަޒީރުންނާއި ސުވާލުކުރުމަށާއި، މަޖިލީހަށް މައްސަލަ ހުށަހެޅުމުގައިވެސް 19 ވަނަ މަޖިލީހުގެ ރެކޯޑު އޮތީ ޖާބިރުގެ އަތްޕުޅުގައެވެ.
19 މަޖިލީހުގެ މިއަހަރުގެ ތިން ދައުރުގައި ސަރުކާރުން ވަނީ މަޖިލީހަށް 38 މައްސަލައެއް ހުށަހަޅާފައެވެ. ރިޔާސަތުން 32 މައްސަލައެއް ހުށަހަޅާފައިވާއިރު، ކުއްލި މައްސަލަތަކުގެ ގޮތުގައި 24 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ ތެރޭގައި 27 ޤަރާރެއް މަޖިލީހަށް ވަނީ ހުށަހަޅާ، ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން 12 ކުއްލި މައްސަލަޔަކީ ޖާބިރު ހުށަހެޅުއްވި މައްސަލައެވެ. އަދި 7 ޤަރާރަކީވެސް ޖާބިރު ހުށަހެޅުއްވި ޤަރާރެވެ. މީގެ އިތުރުން ޖާބިރުވަނީ ޤާނޫނު އަސާސީއަށްވެސް އިސްލާހު ހުށަހަޅާފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޖާބިރު ހުށަހެޅުއްވި އިސްލާހު ވަނީ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
ޖާބިރު ހުށަހަޅުއްވާ ގިނަ މައްސަލަތަކާއި ޤަރާރުތައް މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ބައެއް ފަހަރު މި މައްސަލަތައް ބަލައި ގަތުމަށް ޖާބިރުވެސް ވޯޓު ދެއްވާފައި ނުވެއެވެ. ނަމަވެސް ޖާބިރު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތައް މަޖިލީހަށް ހުށަހަޅައި، ބަހުސް ކުރުމަށް ޖާގަލިބޭތޯ މަސައްކަތް ކުރަމުންނެވެ.
19 ވަނަ މަޖިލީހުގައި ޖާބިރުގެ މަސައްކަތް ބުރަ ނަމަވެސް މަޖިލީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭތަން ވަނީ ފެނިގެން ގޮސްފައެވެ. ޖާބިރު ވިދާޅުވެފައިވަނީ އޭނާ ހުށަހަޅާ މައްސަލަތައް މަޖިލީހުން ބޭރުކޮށްލަނީ މައިނޯރިޓީއަށް އިޚްތިރާމް ނުކުރާތީކަމަށެވެ.