ހުރިހާ މަސައްކަތެއް ނިމި ސިނަމާ ތަކުގައި އެޅުވުމުގެ އިންތިޒާރުގައި އޮތް ފިލްމް "ނޮވެމްބަރ" ރިލީޒްކުރާ ހަފުތާގެ ތެރޭގައި ގއ. ވިލިނގިލީގައި ވެސް ދެއްކުމަށް ނިންމައިފިއެވެ.
އެ ރަށުގައި ފިލްމުގެ ދެ ޝޯއެއް ދައްކަން ޕްލޭންކޮށްފައި ވަނީ އަންނަ މަހުގެ 7 އާއި 8 ގަ އެވެ. އެއާއި އެކުގައި މިހާރު ވަނީ ޝޯތަކުގެ ޓިކެޓް ބުކްކުރަން ދެ ހޮޓްލައިން ނަމްބަރެއްވެސް އާންމު ކޮށްފައިއެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓުންގެ ސްޓޫޑިއޯގެ ޑްރީމް ޕްރޮޖެކްޓް ގެ ގޮތުގައި އިޝްތިހާރު ކުރަމުން އަންނަ މި ފިލްމް އަޅުވަން ތާވަލް ކޮށްފައި ވަނީ ޑިސެމްބަރު 4 ގައި ކަމަށެވެ.
މި ފިލްމް ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.
ސިންގަޕޫރާއި މާލެ އާއި އައްޑު އާއި ލ. އަތޮޅާއި ދ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށުގައި މަންޒަރުތައް ނަގާފައިވާ "ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. މީގެ ބަޖެޓަކީ 1.6 މިލިއަން ރުފިޔާ އެވެ.