ވެރިކަންކުރާ ޕީއެންސީއާއި އެކީ އެއް ކޯލިޝަނެއްގައި އޮތް ޕީޕީއެމްގެ ހިންގުން އެޕާޓީގެ ރުހުން ނެތި ޚާއްސަ ކޮމިޓީއަކާއި ހަވާލު ކޮށްފިއެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ނުހިނަމަނާ އެޕާޓީގެ ހިންގުން ވަކި ކޮމިޓީއަކާ ހަވާލު ކޮށްފައިވަނީ މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިންގެ އެންގެވުމަށެވެ. ޕާޓީ ހިންގުމަށް ޔާމިން ހަމަޖެއްސެވި ކޮމިޓީގެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ ކުރީގެ ނާއިބު ރައީސް ޖިހާދުގެ އިތުރުން ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާއާއި ކުރީގެ ޔޫތު މިނިސްޓަރ މަލީހު ޖަމާލްއެވެ.
މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސެވީ ނައިބު ރައީސް ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މަލީހުއެވެ. ޕާޓީ ހިންގަން ޔާމިން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގައި ޖިހާދުއާއި، މަލީހުއާއި އައްބާސް އާދިލް ރިޒާއާ އެކުގައި 12 މެމްބަރުން ތިއްބަވައެވެ. އެ ކޮމިޓީގައި ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަންނަވައެވެ.
ޕީޕީއެމްގެ ސެނެޓްގެ ނިންމުމެއް ނެތި. އަދި ލީޑަރޝިޕްގެ ބޭފުޅުންގެވެސް ބައިވެރިވުމަކާ ނުލާ އުފެއްދި މި ކޮމިޓީން ރޭވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަލީހު ވިދާޅުވީ ޕާޓީގެ އެންމެ އިސް ބޭފުޅުން މިވަގުތު ތިއްބެވީ ސަރުކާރުގެ އިސް މަގާމްތަކުގައި ކަމަށާއި، ޕާޓީ ހިންގުމަށް އެބޭފުޅުންނަށް ވަގުތު ނުވާކަމުގައެވެ.
އަދި އޭނާ ވިދާޅުވީ އެ ކޮމިޓީ އަައްޔަން ކޮށްފައިވަނީ ޕާޓީގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި، އެކޮމިޓީގެ މަސައްކަތަކީ އެ ޕާޓީ އިތުރަށް ހަރުދަނާ ކުރުން ކަމުގައެވެ. އަދި ޕާޓީއާއި ގުޅުންހުރި ކަންކަމުގައި ދެން ގުޅަންޖެހެނީ ޕާޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ގާނޫނުގައި ވާގޮތުން ކުރީގެ ރައީސް ޔާމިން ޖަލު ހުކުމުގައި ހުންނަވަނިކޮށް ޕީޕީއެމްގެ ރައީސްކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން ޕާޓީގެ ސެނެޓްގެ ރުހުންނެތި ރައީސް ޔާމިން ކޮމިޓީއެއް އައްޔަން ކުރި ގޮތެއް މަލީހު ވިދާޅުވެ ދެއްވާފައެއް ނުވެއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްބާސް އާދިލް ރިޒާވަނީ ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު އެ މަގާމުން އިސްތިއުފާ ދެއްވި ކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ހީނާވަނީ ފަހުން އެވާހަކަ ދޮގު ކުރައްވާފައެވެ.
ހީނާ އިސްތިއުފާ ދެއްވިކަން އައްބާސް އިއުލާނު ކުރެއްވުމާއި އެކީ ޕީޕީއެމްގެ މީޑިއާ ގްރޫޕުގައި ނުސްވެރިން ވަނީ އެކަމާއި ގުޅޭ ގޮތުން ހީނާއާއި ސުވާލު ކޮށްފައެވެ. އެ ސުވާލުތަކާއި ގުޅިގެން ރާއްޖޭން ބޭރުގައި މިވަގުތު ހުންނެވި ހީނާ ވަނީ ޕީޕީއެމްގެ ތަރުޖަމާނު ކަމުން އިސްތިއުފާ ދިން ވާހަކަ ދޮގު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ