"ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޯޕަރޭޝަނުން ރަޖިސްޓްރީކޮށްފިއެވެ.
3300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ފެނަކައިގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން މި އިންސްޓިޓިއުޓާއެކު އުފެއްދޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މި އިންސްޓިޓިއުޓުން ތަޢުލީމް ޙާޞިލްކޮށް ދަސްވެނިވާ މީހުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސެޓްފިކެޓެއް ދެވޭނެކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަން އައި.އެސް.އޯ އަށް ސަރޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއެކު ދެވޭ ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރަށް ފެތޭތީކަމަށް އެކުންފުނިން ވިދާޅުވެއެވެ. ފެނަކަ ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ޚިދުމަތުގައި އެންމެ އުސްކުންނަށް ވާޞިލުވުމަށްކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
ފެނަކައިގެ މުރާލި މުވައްޒިފުން އެ މުވައްޒަފަކު މަސައްކަތް ކުރާ ދާއިއާއަކުން ތަމްރީންކުރުމަށް ވަކި އިންސްޓިއުޓެއް ރަޖިސްޓްރީ ކުރެވިގެން ދިއުމަކީ ލިބުނު ހިންހަމަޖެހުމެއ. ސައީދު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނަކީ ފެނާއި ނަރުދަމާ އާއި ކަރަންޓް، އަސާސީ އަދި ދެމެހެއްޓެނިވި ޚިދުމަތުގެ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު، މި ޚިދުމަތްތަކާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަށް އުފައްދަވާފައިވާ އަދި އެ ޚިދުމަތުގައި ހުއްޓުމެންނެތި މަސައްކަތް ކުރާ ކުންފުންޏެކެވެ. ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއިރަކު ދިމާވާ ގޮންޖެހުންތަކާއިއެކު ކުރިމަތި ލުމަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދެއްވާކަމެއްކަން އެކުންފުނިން ފާހަގަކުރައްވައެވެ.
ޚިދުމަތް ދޭ ކޮންމެ ދާއިރާއެއްގައިވެސް ކަމަށް ޤާބިލު ހުނަރުވެރި ޒުވާނުން އުފެއްދުމަކީ ސަރުކާރުގެ ވަޢުދެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ލަފަޔާއި އިރުޝާދުގެ ތެރެއިން، އަސާސީ ޚިދުމަތުން އެއްވެސް ރައްޔިތަކު މަހްރޫމް ވިޔަނުދިނުމާއިއެކު އެ ޚިދުމަތް ކުޑަ ހިނދުކޮޅަކަށް ވެސް މެދުކެނޑުނަ ނުދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ފެނަކައިން އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ