ރ.ޔާމީންއާއި ދެކޮޅަށް ހެކިބަސް ދިނުމާއި ހަޔަށް، ޒިޔަތު އިނީ "އުލު" ބައިންދާފަ

ރ.ޔާމީންއާއި ދެކޮޅަށް ހެކިބަސް ދިނުމާއި ހަޔަށް، ޒިޔަތު އިނީ "އުލު" ބައިންދާފަ

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2020 06:04
0

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމާއި ހަމަޔަށް އިނީ "އުލު" ބައިންދާފައިކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އުފުލި 32 ދައުވާއަށް އިޢުތިރާފްވެ، ދައުލަތުން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް 11 އަހަރަށް ޖަލަށްލުމަށް މިމަހުގެ 7 ވަނަ ދުވަހު ކޮށްފައިވާ ހުކުމާއި އެއްގޮތަށް އޭނާ ވަނީ ޖަލަށް ގެންގޮސްފައެވެ. ޒިޔަތު ޖަލަށް ގެންދިޔަ ސަބަބާއި ގުޅޭގޮތުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ޒިޔަތު ޖަލަށް ގެންދިޔައީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ކަމަށެވެ.

ޒިޔަތު ޖަލަށް ގެންދިޔައީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ހިނގާ ޝަރީއަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނުގުމުގެ މަގުސަދުގައިކަމަށް ސުޖާ ވިދާޅުވިއެވެ. ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދީފިނަމަ ޒިޔަތު އޮންނަންޖެހޭނީ ޖަލުގައި ކަމަށާއި، ނަމަވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފިނަމަ އޭނާ އަލުން ގެއަށް ބަދަލު ކުރާނެކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޒިޔަތު ހައްޔަރުކުރީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މައްސަލާގައި ޖަލުގައި ހުރި ޒިޔަތު މިދިޔަ އަހަރުގެ ފެބްރުއަރީމަހު 9 ވަނަދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔަނާތުގެ ދައުވާ ސާބިތުވެ20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަޙްމަދު އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ވަރަށް ފަހުން އޭނާ ވަނީ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެފައެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ގޭބަންދުގައި ހުންނަވަނީ އޭނާ ނިދުމަށް ޚައްޞަ މެޝިނެއް ބޭނުންވާތީކަމަށާއި، އެއީ ޖަލުގައި ބެހެއްޓޭނެ މެޝިނެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.