ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު 3 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު 3 އަހަރަށް ޖަލަށް

Author
ހުސައިން
02 އޮކްޓޯބަރ 2020 02:09
0

ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކިކަމުގެ ކުށް ސާބިތުނުވާކަމަށް އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި އޭނާ ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ހައިކޯޓުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ ގދ. ނަޑެއްލާ، ރަބީއީމަންޒިލް، މުހައްމަދު އަޖްނާޒުގެ މައްޗަށެވެ.

އޭނާއާ ދެކޮޅަށް ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ދައުވާ އުފުލީ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އުމުރުން 12 އަހަރުގެ ކުއްޖަކަށް އޭނާގެ ކުރިމަތިފަރާތް ދެއްކި މައްސަލައަކާ ގުޅިގެންނެވެ.

މުހައްމަދު އަޖްނާޒު ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ އެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. އެހެންކަމުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށްފަހު އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މުހައްމަދު އަޖްނާޒަކީ އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ފަސް ކުށާއި، ބަދުއަހުލާގީ އަމަލު ހިންގުމުގެ ދެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމާއި، އަދި ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގިކަން ސާބިތުވެގެން ދެ އަހަރު ދުވަހު ގޭގައި ބަންދުކޮށްފައިވާ މީހެއްކަންވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި ގދ. ނަޑެއްލާ އަތިރިމަތީގައި މީހުންނަށް ފެންނަގޮތަށް ހުރެގެން މުހައްމަދު އަޖްނާޒު އަމިއްލައަށް ބަދުއަހުލާގީ އަމަލު ހިންގާފައިވާތީ އޭނާ ނުވަ މަސް ދުވަހަށް އަރުވާލަންވެސް މީގެކުރިން ހުކުމް ކޮށްފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި ޝަރީއަތުން ބަލައިގަންނަ ހެކީގެ ތެރޭގައި، އެ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މީހަކީ ކުރިން ޖިންސީ އަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން ހިމެނެއެވެ.

މުހައްމަދު އަޖްނާޒުގެ ކުށުގެ ރެކޯޑަށް ބަލާއިރު، އައުރަ ދައްކައި ބަދުއަހުލާގީ އަމަލު ހިންގުމާއި، ކުޑަކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގުން ތަކުރާރުވަމުން އަންނަކަން ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.