ކައުންސިލް އިންތިޚާބުގެ ކުރިން އީސީން ޝަރީފް ބަދަލު ކުރާނަން: ޝުޖާ

ކައުންސިލް އިންތިޚާބުގެ ކުރިން އީސީން ޝަރީފް ބަދަލު ކުރާނަން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2020 03:13
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކޮމިޝަނުން ބަދަލު ކުރާނެ ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ރަށު ބަންދުގައި ތިބެ، ވީޑިއޯ މެދުވެރިކޮށް، ޝުޖާ ނިސްބަތްވާ ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ޤާނޫނުގެ ކުރި މަތީގައި އޮތް ހަމަހަމަ ގެއްލުވާލައި، ސިޔާސީ ޕާޓީތަކުގެ ސިޔާސީ ހަރަކާތް ހިންގުމަށާއި، ސިޔާސީ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ކުރަމުންދާ ދަތިތަކަކީ އިލެކްޝަނުން ޖަވާބު ދާރީ ވާންޖެހޭނެ ކަންތައްތަކެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ރިޔާސީ އިންތިޚާބު އޮޅުވާލައި، މިވެރިކަން ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މީހުންނަށްވާއިރު، އެމީހުންގެ ނިމުން އަންނަ ގޮތްވެސް ރައްޔިތުންނަށް ފެންނަމުންދާކަމަށެވެ. ޤާނޫނީ އިމުން ބޭރުން ޤާނޫނާއި ޚިލާފާށް ބޭއިންސާފުން ނިންމާ ކޮންމެ ނިންމަކީ ތިމާއާއި ކުރިމަތިލާނެ ކަމެއްކަން އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމަށްވެސް މިއަދު އިހުސާސް ކުރެވޭނެކަމަށް ޝުޖާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިބުނަނީ ޝަރީފް ބަދަލު ކުރާނަމޭ. ކައުންސިލް އިންތިޚާބުގެ ކުރިން އަޅުގަނޑުމެން ޝަރީފް އިލެކްޝަނުން ނެރޭނަން. ނާއިންސާފުން ނުހައްގުން އެތާގައި ތިބެ ކަންކަން ކުރުމުން ވާނެ ގޮތް އަކްރަމަށްވެސް މިހާރު ސާފުވާނެ. އަޅުގަނޑުމެން ޝަރީފްވެސް ބޭރުކުރާނަން. ތެދެއް އަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން އެކަން ނުކުރެވިދާނެ.

– ޝުޖާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބުގައި ކެންޕެއިން ކުރުމަށް އިދިކޮޅު ފަރާތްތަކަށް ޖާގަ ނުދީ ސަރުކާރުގެ ބޭފުޅުންނަށް އެޖާގަ ދެމުންދާތީ އިިިދިކޮޅުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޯވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން މާލެއިން ރަށްރަށް ދަތުރު ކުރުމުގައި ވަކި ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، ރައީސް ޞާލިހު ހިމެނޭހެން ސަރުކާރުގެ ބޮޑެތި ވަފުދުތައް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރަމުންދަނީ ކޮން ގައިޑް ލައިނަކާއި އެއްގޮތަށްތޯ ޝުޖާ ވަނީ ސުވާލު އުފައްދާފައެވެ.

އިދިކޮޅުންވަނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހަމަހަމަ ކަމާއިއެކު ސިޔާސީ ހަރަކާތް ހިންގުމަށް އޮތް ފުރުސަތަށް ސަރުކާރުން ހުރަސް އަޅާތީ އެމައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައެވެ. ކައުންސިލް އިންތިޚާބް މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރާއިރު، މިހާތަނަށް 50 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން ނަގާފައެވެ. ނަން ނެގި ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.