އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް މިފްކޯއިން އިތުރު ތިން ބޯޓެއް ގެންނަނީ

އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް މިފްކޯއިން އިތުރު ތިން ބޯޓެއް ގެންނަނީ

Author
ހުސެއިން
08 ނޮވެމްބަރ 2023 11:05
0

މިފްކޯގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް އެކުންފުނިން ގަނެފައިވާ އިތުރު 3 ބޯޓެއް ރާއްޖެ މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ގަނެފައިވާ ތިން ބޯޓުގެ ތެރެއިން  މިއަހަރު ރާއްޖެ އަންނާނީ "ޖަޒީރާ 106″ އެވެ. އެ ބޯޓު ރާއްޖެ އައުމަށް ތައިލޭންޑުން ރާއްޖެ އައުމަށް ވަނީ މިމަހުގެ 4 ވަނަ ދުވަހު ދަތުރު ފަށާފައިވާއިރު، އެބޯޓަށް ރާއްޖެ އާދެވޭނީ މިމަހުގެ 19 ވަނަ ދުވަހުކަމަށްވެސް މިފްކޯއިން ބުނެއެވެ.

އަނެއް ދެބޯޓު ކަމުގައިވާ "ޖަޒީރާ 104″ އަދި "ޖަޒީރާ 105″ ވެސް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިފްކޯއިން ބުނެފައިވަނީ އެކުންފުނީޖެ ޖަޒީރާ ސީރީސްގެ މަސްކިރާ ބޯޓުފަހަރުގައި ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލްކަން ހުންނާނޭކަމުގައެވެ. އަދި މި ބޯޓުތައް އޮޕަރޭޝަނަށް އައުމާއެކު ދުވާލަކު އިތުރަށް 180 ޓަނު މަސް ގަތުމުގެ ގާބިލްކަން ކުންފުންޏަށް ލިބިގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.

މިފްކޯއިން ބުނެފައިވަނީ މަސްވެރިކަން ރަގަޅު މޫސުމުގައި މަސްވެރިކަން ރަގަޅު ސަރަހައްދުތަކަށް ދަތުރުކޮށް، ކުރިމަތިވާ މަސްކިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކުންފުންޏަށް މިއަހަރު 4 ބޯޓެއް ގަނެފައިވާ ކަމުގައެވެ. މިގޮތުން "ޖަޒީރާ 3″ މިއަހަރުގެ މާރޗްމަހު ރާއްޖެ ގެނެވި، މިހާރު ރާއްޖޭގެ ދެކުނުގައި އެ ބޯޓު އޮޕަރޭޓްވަމުން ދާކަމުގައިވެސް މިފްކޯއިން ބުނެފައި ވެއެވެ. އެ ބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާއެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލްކަން ހުރި ބޯޓެއްކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.

ހަމަ މި ސީރީސްގެ ބޯޓެއް 2021 ވަނަ އަހަރުވެސް މިފްކޯއަށް ވަނީ ގެނެސްފައެވެ.

މިފްކޯއިން ބުނެފައިވަނީ އަލަށް ގަނެފައިވާ ބޯޓުތައް މިފްކޯގެ ފްލީޓާއި ގުޅުމުން ރާއްޖޭގެ ދެކުނާއި އަދި މެދު ރާއްޖެތެރޭގައި މަސްކިރުމުގައި ކުރިމަތިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.