ކޯޓުގައި މަޖިލިސް ތަމްސީލް ކުރައްވާނީ މަޖިލިހުގެ ނިންމުމާ ދެކޮޅު އޭޖީ

ކޯޓުގައި މަޖިލިސް ތަމްސީލް ކުރައްވާނީ މަޖިލިހުގެ ނިންމުމާ ދެކޮޅު އޭޖީ

Author
އަހުމަދު
05 ނޮވެމްބަރ 2023 06:36
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ ބަންޑާރަ ނައިބު ކަމަށް އެ އޮފީހުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ.

ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ނުކޮށް، މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތާއި މި އަހަރުގެ ބާކީ ބައިގައި ހަރަދުތައް ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް އެޖެންޑާ ކުރުމުން ބަންޑާރަ ނައިބު ވަނީ ނަޝީދުގެ ގަރާރު އޮއްވައި އިތުރު މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ދެއްވައިފައެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިވެސް ނުގަންނަވައެވެ.

ނަޝީދުގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެމްޑީޕީންނެވެ.

ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދަށް އެޖެންޑާކުރި ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން ކެންސަލް ކުރި އިރު، މިދިޔަ ހަފްތާގައި ވެސް ޖަލްސާތައް ދިޔައީ އެގޮތަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.

އެހެންވެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ސަބަބެއް ދައްކަވައިގެން އީވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވަނީ ނަޝީދު ވަކިކުރުން ދިގު ދެންމުމަށެވެ. އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ނަޝީދު ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބާކީ ބައިގައި ހަރަދުތައް ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.