ކޭސީސީއާރުސީ ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ކޭއާރުއެޗަށް ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބް ކޭއާރުއެޗް ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ކުލަބް ކޭއާރުއެޗް ދަތުރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ކޭސީސީއާރުސީ 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ކޭއާރުއެޗުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގައެވެ.
މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖުނެއިދު (ޖެންނޭ) އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހްމަދު ދާވޫދު (ޑޭވިޑް) އެވެ. އަދި ތިންވަނަ ލަނޑު މެޗުގެ އެންމެ އެންމެ ފަހު މިނެޓުތަކުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުހައްމަދު އާލިމެވެ. ސެމީ ފައިނަލުގައި ކޭއާރުއެޗް ބައްދަލުކުރާނީ މިރޭ ކުޅޭ ކުއާޓާގެ ތިންވަނަ މެޗުގައި އެސްޓީއޯ އާއި ދިރާގު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭ ކުޅޭ ކުއާޓާގެ ފަހު ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ. ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.