އަލް-ޖަޒީރާގެ ނޫސްވެރިޔާ ޔުމްނާ.

އަލް-ޖަޒީރާގެ އަންހެން ނޫސްވެރިޔާ އާއި އާއިލާ މަރާލާނެ ކަމުގެ އިންޒާރު ދީފި

އަލް-ޖަޒީރާގެ އަންހެން ނޫސްވެރިޔާ އާއި އާއިލާ މަރާލާނެ ކަމުގެ އިންޒާރު ދީފި

ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އަލް-ޖަޒީރާގެ އަންހެން ނޫސްވެރިޔާ އާއި އާއިލާ މަރާލާނެ ކަމުގެ އިންޒާރު އިސްރާއީލްގެ ސިފައިން ދީފިއެވެ.

މި އާއިލާ އަށް މަރުގެ އިންޒާރު ދީފައި ވަނީ އިސްރާއީލް އަސްކަރިއްޔާ އިން ނޫސްވެރިޔާ ޔުމްނާ އަލް ސައީދުގެ ފިރިމީހާ އަށް ފޯނުން ގުޅައިފައެވެ. ފޯނުން ގުޅައި ދިން އިންޒާރުގައި ބުނެފައި ވަނީ އެމީހުން މިހާރު ތިބި ގެއިން ނުކުމެގެން އެހެން ތަނަކަށް ދިއުމަށެވެ. އަދި މިހާރު ތިބި ތަނަށް ބޮން އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލް ސިފައިން އިއްޔެ ކުރި ފޯން ކޯލްގައި އެމީހުން އެދިފައި ވަނީ ޣައްޒާ ސިޓީގައި ތިބި ޔުމްނާގެ އާއިލާ ދެކުނުގެ ސަރަހައްދަށް ދިއުމަށެވެ. ނަމަވެސް، ހަނގުރާމައިގެ ހާލަތުގައި ދެކުނަށް ދެވޭނެ ރައްކާތެރި މަގެއް ނެތް ކަމަށް ޔުމްނާ ވަނީ އަލް-ޖަޒީރާ އަށް ކިޔައި ދީފައެވެ.

ޔުމްނާ ކިޔައި ދިން ގޮތުގައި އޭނާ އަށް ގުޅާފައި ވަނީ ޕްރައިވެޓް ނަންބަރަކުންނެވެ.

"ގުޅި މީހާ އަހަރެންގެ ފިރިމީހާގެ ފުރިހަމަ ނަން ބުނެފައި ބުނީ ތިމަންނަމެންނަކީ އިސްރާއީލްގެ އަސްކަރިއްޔާއޭ، ދެކުނުގެ ސަރަހައްދަކަށް ދާށޭ. އަދި ބުނީ ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި ތި ސަރަހައްދު ވެގެން ދާނީ ވަރަށް ނުރައްކާތެރި ސަރަހައްދަކަށޭ،" ޔުމްނާ ބުންޏެވެ.

ޔުމްނާ އެ ވާހަކަތައް އަލް-ޖަޒީރާ އަށް ކިޔައި ދެމުން ދިޔަ ގަޑީގައި ވެސް އޭނާ ހުރި ސަރަހައްދަށް އިސްރާއީލް ސިފައިން ދިޔައީ ބޮން އަޅަމުންނެވެ. އަދި ފޯނުން ޔުމްނާ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި ބޮމުގެ އަޑުފައްގަނޑު ވަރަށް ބާރަށް އިވެއެވެ. ޔުމްނާ ވެސް ބުނި ގޮތުގައި ކުޑަ ދޮރުން ބަލާލާ އިރު، ފެންނަނީ ކަޅު ދުންތަކެކެވެ. އަދި އިސްރާއީލް ކައިރި ހިސާބުތަކަށް ހަމަލާ ދޭ އިރު، އެމީހުން ތިބި ގެއަށް ވެސް ގުޑުން އަރާ ކަމަށް ޔުމްނާ ބުންޏެވެ.

ޔުމްނާ ބުނި ގޮތުގައި އޭނާ ދިރިއުޅޭ އިމާރާތުގައި ހަތް އާއިލާއެއްގެ ގާތްގަނޑަކަށް 100 މީހުން އެބަތިބިއެވެ.

"އަހަރުމެންނަށް އިންޒާރު އައި ގޮތަށް ދެން ތިބި ހަ އާއިލާއަކަށް މި އިންޒާރެއް ނާދޭ އިސްރާއީލް އަސްކަރިއްޔާގެ ފަރާތުން. އެހެންވެ، މިއީ ހަމަ ސީދާ އަހަރުމެންގެ އާއިލާ އަށް އަމާޒުކޮށް ދިން އިންޒާރެއް،" ޔުމްނާ ކިޔައި ދިނެވެ.

ޔުމްނާ ބުނީ މިހާރު އެ ސަރަހައްދު ދޫކޮށް އެހެން ތަނަކަށް ބަދަލުވުމަކީ މާ ނުރައްކާތެރި ކަމެއް ކަމަށެވެ. އެއީ އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އެރުމާއި އިސްރާއީލްގެ ޓޭންކުތައް ޣައްޒާ ސިޓީއާ ހަމައަށް ފޯރާފައިވުމުން ކަމަށް ވެސް ޔުމްނާ ބުންޏެވެ.

އިސްރާއީލުން މީގެކުރިން ވަނީ އަލް-ޖަޒީރާގެ ނޫސްވެރިޔާ ވާއިލް އަލް ދަހްދޫގެ އާއިލާ ވެސް ޝަހީދުކޮށްލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *