ބަޖެޓް ހުށަހަޅާ ޖަލްސާއަށް ޖާގަ ނުދީ އެމްޑީޕީން ތަޅުމުގައި އިހުތިޖާޖު ކުރަނީ

ބަޖެޓް ހުށަހަޅާ ޖަލްސާއަށް ޖާގަ ނުދީ އެމްޑީޕީން ތަޅުމުގައި އިހުތިޖާޖު ކުރަނީ

ގުޅުންހުރި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ޖަލްސާއަށް ހުރަސް އަޅައި އެމްޑީޕީ މެމްބަރުން ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ޖަލްސާ ފައްޓަވަން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތަށް ވަޑައިގެންނެވި އިރު ވެސް، ރިޔާސަތު ވަށާލައިގެން އެމްޑީޕީގެ ބައެއް މެމްބަރުން ތިއްބެވިއެވެ. އޭނާގެ އަތުގައި އޮތް ގަނޑުތައް އަތުލައި، ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމަށް ހުރަސްއެޅުމަށް، އޭނާ ކޮށްޕާލާ މަންޒަރު ވެސް ފެނުނެވެ.

ދުންމާރި ހިފައިގެން އެމްޑީޕީގެ ދެން ތިބި މެމްބަރުން ތަޅުމުގައި ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަ ކުރައްވަމުން ގެންދެވިއެވެ. އޭގެ ކުޑަވަގުތު ކޮޅެއް ފަހުން، އަފީފް ވަނީ ޖަލްސާ ނުފެށިގެން، ރިޔާސަތު ދޫކުރައްވައި ވަޑައިގެންފައެވެ. ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ފަހަތަށް ޖައްސާލާފައި މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާއިން ވަނީ ތާވަލުކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދުގެ ޖަލްސާއަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިގައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ.

އެހެންކަމުން ފިނޭންސް މިނިސްޓަރ ވަނީ ބަޖެޓު މަޖިލީހަށް ހުށައެޅުމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައެވެ. އަދި ނިންމެވީ މަޖިލީހަށް ބަޖެޓު ހުށައެޅުމަށް ވަޑައި ނުގަތުމަށެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނާއިބު ގާނޫނީ ލަފާ ދެއްވާފައިތީއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ދެ ދުވަހުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ވަނީ އެ ދެދުވަހުގެ ޖަލްސާވެސް ކެންސަލް ކުރައްވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ. މަޖިލީހުގެ ޤަވާއިދު އެގޮތަށް ބަޔާންކުރާތީ، ޖަލްސާ ކުރިއަށްގެންދެވޭނީ މަޖިލީހުގެ ނާއިބު ރައީސަށްކަމަށް މަޖިލީހުގެ އަމީން ޢާންމު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންގެ ޚިޔާލު ތަފާތެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާތީއާއި، އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައި ބަޔާންކުރާތީ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް އެމްޑީޕީ ޕީޖީން ވިދާޅުވެއެވެ.

ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދަވަން އަމީން ޢާންމު ނިންމެވި ނިންމެވުމާއި ގުޅިގެން، އެމްޑީޕީން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ބަލައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށްވެސް އެޖެންޑާކޮށްފައިވެއެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޮވެމްބަރު 1ގައި ކުރިއަށް ގެންދިއުމަށް ވަނީ ފަސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ