ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމުގައިވާ ވެލާނާ އިންޓަރ ނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް އަންނަ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއް ކަމަށާއި، އިޤްތިޞާދު ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްޤީއަށް ނިންމަން ޖެހިފައިވާ އެންމެ މުހިންމު މަޝްރޫޢުއަކީ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތް ކަމުގައެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އިންތިޤާލީ ކޮމެޓީތަކުން މިހާތަނަށް ކުރެއްވި މަސައްކަތްތަކުން އެއާޕޯޓް މަޝްރޫޢު އެންމެ އަހަށްވެސް ނިމެން އޮތީ 2025 ވަނަ އަހަރަށް ކަމަށް އެނގިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދަށްޓަކައިވެސް އަދި ޤައުމުގެ ކުރިއެރުމަށްވެސް މިހެން ވާން ދޫކޮށްލެވޭ ވަރަށް ވުރެ މުހިންމު އަދި ބޮޑު މަސައްކަތެއް ކަމަށެވެ.
ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުތަކުން އެނގިގެން ދަނީ އެއާޕޯޓު ނެތް ކަމަށް އަވަހަށް ނިމޭކަށް. މިއަންނަ އަހަރު ވެސް ނިމި ދެން އަންނަ އަހަރުގެ ޖުލައި އަށް. 2025 ގެ ޖުލައިއަށް ނިމެނީ. އެއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އިގްތިސޯދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި.
– އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިމަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމުމަށްޓަކައި ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ރައީސް އޮފީހުގައި ޚާއްސަ ކޮމެޓީއެއް އެކުލާވާލައި ދުވަހުން ދުވަހަށް ނަންގަވަން ޖެހޭ ޑިޒިޝަންތައް ނަންގަވަމުން ގެންދަވާނެކަމަށެވެ.
ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް މިކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު އިސްވެރިން ހިމެނޭހެން ހަދާނަން. އަދި ކޮމިޓީ އަޅުގަނޑު ޗެއާކުރާ ގޮތަށް ހަމަޖައްސާނަން. ކޮންމެ ދުވަހަކު އެ މަސައްކަތް ދާ ގޮތް ބަލައި, އެ ކަމަށްޓަކައި ނަގަން ޖެހޭ ޑިޒިޝަންސް (ނިންމުން) ވަގުތުން ނެގޭނެ ގޮތަށް ރާވައި, ހުރިހާ ކަމެއް.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެއަރޕޯޓް ތަރައްޤީކުރެއްވުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާހްކޮށްދެއްވީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެއެވެ.
ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެއެވެ.