މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދުމަށް، މިސަރުކާރު ފަސްނުޖެހޭނެ: އެމްއާރުއެމް

މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދުމަށް، މިސަރުކާރު ފަސްނުޖެހޭނެ: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 11:37
0

މަސްވެރީންނަށް ކޮށްދޭން ވަޢުދު ވެފައިވާ ކަންތައްތައް ކޮށްދެއްވުމުގައި، މިސަރުކާރު ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރު އެމްއިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ނިސްބަތްވާ އެމްއާރުއެމްއިން މަސްވެރިންގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގައިވަނީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާ ތަކަށާއި، މި ޞިނާޢަތުގަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދަންނަވާފައެވެ.

މަސްވެރިކަމުގެ ޞިނާޢަތަކީ ދިވެހިރާއްޖެ އަށް ވަރަށް ބޮޑު އާމްދަނީ އެއް ލިބޭ އެއް ސިނާޢަތަށްވާއިރު، މިއަދު މިދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެފައި ވުމަކީ، މިދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް މިޔަބާނުގައިވެއެވެ. އަދި ރާއްޖެ ކުރި އަރައިގެން ދިއުމުގައި، ޒުވާނުން ނަކީ ވަރަށް ބޮޑު ޙިއްސާ އެއް ވާ ބައެއްކަމުގައިވާއިރު، މި ޞިނާޢަތު ކުރި އެރުވުމަށްޓަކައި އަދިވެސް އެތައް ގުނަ މަސައްކަތް ތަކެއް މިއަދު ވެސް މިވަނީކުރަން ޖެހިފައިކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް އެކަށީގެން ވާ ރަނގަޅު އަގެން ލިބުމާއި، އެމަސް ކިރޭނެ އެކަށީގެންވާ އިންތިޒާމު ތަކެއް ނެތުމުގެ ޝަކުވާ އަކީ، މިއަދު މަސްވެރިން އެންމެ ގިނައިން ކުރަމުން ގެންދާ އެއް ޝަކުވާއެއް ކަމަށެވެ.

މިވޭތުވެ ދިޔަ ކޯވިޑް ގެ ދަތިހާލުގައިވެސް ކަންނެލި މަސްގަނެ ބޭރުކުރާ ކުންފުނިތަކަށް 100 މިލިއަން ގެ ލޯން ފެސިލިޓީއެއް ހަމަޖައްސައިދީ އަދި ކަޅުބިލަ މަސްގަތުމަށް އޮތް އެކްސްކުލޫ ސިވިޓީ އުވާލުމާއި، މަސްވެރިން ބާނާ މަހަށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިސަރުކާރުން މަސްވެރިންނަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެން ދާ ކަމެއް. އެހެންކަމުން، މަސްވެރީންނަށް ކޮށްދޭން ވަޢުދު ވެފައިވާ ކަންތައްތައް ކޮށްދެއްވުމުގައި، މިސަރުކާރު ފަސްޖެހިވަޑައި ނުގަންނަވާނެ ކަން ޔަޤީންކުރަން.

– އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރުއެމްއިން ބުނެފައިވަނީ މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މަސައްކަތައްވާއިރު، މަސްވެރިކަމުގެ ދާއިރާގައި މިހާރު ދިވެހިރާއްޖެ މިވަނީ އެތައް ގުނައެއް ކުރިޔަށް ޖެހިފައިކަމަށެވެ. އަދި މިދުވަހުގެ މުނާސަބަތުގައި، ދިވެހި މަސްވެރިންނަށާއި މި ޞިނާޢަތުގައި ޚިދުމަތް ކުރައްވާ އެންމެހާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތް ތަކަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.