އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ބޮންއަޅާ އެތައް ސަތޭކަ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. އިސްރާއީލުން ބޮން އަޅާފައިވަނީ ޣައްޒާގައި ހުންނަ އަލް އަހުލީ ހޮސްޕިޓަލަށެވެ. މި ހޮސްޕިޓަލަކީ އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުން އެތައްހާސް ބަޔަކު ހިމާޔަތް ހޯދާ އަދި ފަރުވާ ހޯދުމުންދާ ހޮސްޕިޓަލެކެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހަމަލާގައި 500 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާ ކަމުގައެވެ. ހޮސްޕިޓަލްގެ އިތުރުން އިސްރާއީލުންވަނީ ޣައްޒާގައި ޔޫއެންއިން ރެފިއުޖީން ބަލަހައްޓަމުންދާ ސްކޫލަކަށްވެސް ހަމަލާ ދީފައެވެ.
ފާއިތުވެދިޔަ 7 ދުވަހު މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3،000 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކުގައި އެގައުމުގެ 1،400 މީހުންވަނީ މަރުވެފައެވެ.
ޢައްޒާގެ ހޮސްޕިޓަލަށް އިސްރާއިލުން ދިން ހަމަލާ މިސްރުންވަނީ ކުށްވެރި ކޮށްފައެވެ. މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ އިސްރާއީލުން ހިންގާފައިވާ "ނުރައްކާތެރި، އިންސާނިއްޔަތާ ޚިލާފް ޖަރީމާއެއް" ކަމުގައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިންވެސް ވަނީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާ ކުށްވެރި ކޮށްފައެވެ. އެކްސްގައި (ޓުވިޓަރ ގައި) ކުރެއްވި ޕޯސްޓެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ، "އާންމު ރައްޔިތުންގެ ސަލާމަތަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށާއި" އަދި ޣައްޒާގެ ރައްޔިތުންނަށް ގެދޮރު ދޫކޮށް ދިއުމަށް ދީފައިވާ އިންޒާރު އަބުރާ ގެންދިއުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.
މިހަމަލާއާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ހަމަލާއަކީ އެގައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްކަން އަދި ޔަގީން ނުވާކަމަށާއި، މިހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ