ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރާ ފަރާތްތަކަށް މިއަދުންފެށިގެން ފުލުހުން ނަސޭހަތުގެ މެސެޖް ފޮނުވަން ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބުރިޖުގައ ދުއްވަން ހުއްދަކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށާއި އަދި ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރާ ފަރާތްތަކަށް، އެފަރާތްތަކުން ދުއްވި ބާރުމިން އެނގޭނެހެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖު ދާނެ ކަމަށެވެ. މި މެސެޖް ދާނީ އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ މޯބައިލް ނަންބަރަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މެސެޖުގައި ދުއްވި ގަޑިއާއި ތާރީޚު އެގޭނެހެން، ގަވާއިދާ ޚިލާފްވެފައިވާކަން ބަޔާން ކޮށްފައިވާނެ ކަމަށެވެ. މިގޮތުން ފުލުހުން އުޅަނދުގެ ވެރިފަރާތަށް ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ހިމަނާފައި ނުވާނެކަންވެސް ފުލުހުންވަނީ އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ބުރިޖުގައި ދުއްވާ އުޅަނދުތައް ފުލުހުން ދެނެގަންނަނީ ބުރިޖުގައި ހަރުކޮށްފައިވާ ކެމެރާތައް މެދުވެރިކޮށެވެ. މިއީ ބުރިޖުގެ ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކާ ބޭނުންކުރެވޭ ވަސީލަތެއްކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ކެމެރާ ބޭނުންކޮށްގެން، ބުރިޖަމަތީގައި ގަވާއިދާ ޚިލާފްވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފެށި ފުރަތަމަ ދުވަހު އެކަނިވެސް 50 މީހަކަށް ނަސޭހަތުގެ މެސެޖު ވަނީ ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ