މިސަރުކާރުގައި ވައްކަން އިތުރުވަނީ ވައްކަމަށްދޭ އިސްކަމެއްގެ ސަބަބުން: އަދުރޭ

މިސަރުކާރުގައި ވައްކަން އިތުރުވަނީ ވައްކަމަށްދޭ އިސްކަމެއްގެ ސަބަބުން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 08:51
0

މިސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވަމުންދަނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން ވައްކަމަށްދޭ ޚާއްސަ އިސްކަމެއްގެ ސަބަބުން ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް ފަޅާއެރީ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ފެންމަތިވެ އަމިއްލަ ސަރުކާރުގެ ތެރެއިން އެމައްސަލަ ރައީސް ޔާމީން އިސްވެ ހުންނަވައި ބަލަންފެށީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖާގަ ނުދިނުމަށް ކަމަށެވެ.

ނަމަވެސް މިސަރުކާރުގެ ތެރެއިން ފެނިގެންދަނީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް"ގެ ނަމުގައި ބޯޑު އަޅުވައިގެން ވެރިކަމަށް އައިސް ރާއްޖޭގެ ތާރީޚުގައިވެސް ހިނގާފައި ނުވާވަރުގެ ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގަމުންދާ މަންޒަރުކަމަށެވެ. ސަރުކާރުގެ ތެރޭގައި މިހާބޮޑަށް ވައްކަން އާންމުވެފައިވަނީ ސަރުކާރުން ވައްކަމަށްދޭ ޚާއްސަ ސަމާލުކަމެއްގެ ސަބަބުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

MMPRC ގެ މައްސަލަ ހާމަކުރީ ސަރުކާރުގެތެރޭ ހިންގާ ކޮރަޕްޝަން ބެލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުރީމަ. މިއަދު މައްސަލަ ރިޕޯޓްކުރުން އިތުރުވީ ރިޕޯޓްކުރެވޭނެ މަގު ފަހިވެގެނެއްނޫން. ޒީރޯ ޓޮލަރެންސްގެ ދަށުން ވައްކަންކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުންދޭ ޚާއްޞަ އިސްކަމެއްގެ ސަބަބުން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. އޭގެ ތެރެއިންވެސް އެންމެބޮޑު އެއްމައްސަލަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަކަށެވެ. އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ފަޅާއެރީ ވެރިކަން ފުރޮޅާލުމަށް އޭރުގެ ވެރިކަމުގެ ތެރެއިން ކުރެވުނު މަސައްކަތެއްގެ ތެރެއިންކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.