ފާއިތުވި 24 ގަޑިއިރު ތެރޭ، އިސްރާއީލް ފަލަސްތީނުގެ ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި، އާދީއްތަ ދުވަހުގެ ފަތިހުގެ ނިޔަލަށް ޣައްޒާގައި 300 އެއްހާ މީހުން މަރުވެ 800 މީހުން ޒަޚަމްވެފައިވާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އާބާދީ ބޮޑު ޣައްޒާއަށް ޖެހިޖެހިގެން އަށް ދުވަސް ވަންދެން އިޒްރޭލުން ދިން ހަމަލާތަކުގައި 2،329 މީހުން މަރުވެ، 9،042 މީހުން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން ބަދަލުހިފުމުގެ ހަމަލާތައް ދޭން ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ކުއްލި ހަމަލާތަކުގައި އެގައުމުގެ 1،300 މީހުން މަރުވުމާ ގުޅިގެންނެވެ.
ޣައްޒާގެ އާންމުންގެ މެދުގައި ބިރުވެރިކަން މިހާރު އިތުރުވަމުން ދަނީ ހަމާސް ޖަމާއަތާ އެކު އިޒްރޭލުން ކުރިއަށް އޮތް މަރުހަލާއަށް ތައްޔާރުވަމުން އަންނަ ކަމަށް އިޒްރޭލުން ބުނަމުން ދަނިކޮށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އެރުމަށް މިހާރު ތައްޔާރުވަމުންދާ ކަމުގައެވެ.
އެގޮތުން އިސްރާއީލުން މިހާރުވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ 1.1 މިލިއަން މީހުން އެސަރަހައްދު ދޫކޮށް، ޣައްޒާގެ ދެކުނަށް ހިޖުރަ ކުރުމަށް އިންޒާރު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ