ކާރިސާތަކުން އަރައިގަތުމަށް މިހާތަނަށް 4.9 މިލިއަން ރުފިޔާ ހޭދަކޮށްފި: އެންޑީއެމްއޭ

ކާރިސާތަކުން އަރައިގަތުމަށް މިހާތަނަށް 4.9 މިލިއަން ރުފިޔާ ހޭދަކޮށްފި: އެންޑީއެމްއޭ

Author
އައިޝަތު އަޙްމަދު
13 އޮކްޓޯބަރ 2023 10:03
0

އެކި ކާރިސާތަކުން އަރައިގަތުމަށް މިއަހަރުގެ މިހާތަނަށް 4.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި ވަނީ ފާއިތުވި 3 އަހަރު، ބޯކޮށް ވާރެވެހުމާއި އުދަ އެރުމުގެ ސަބަބުން ރަށްރަށުގައި ފެން ބޮޑުވުމާއި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އިޖާބަދިނުމުގެ މަސައްކަތައް ދައުލަތުން ހޭދަކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވެގެންގޮސްފައިވާކަމަށް ބުނެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ކާރިސާތަކަށް އިޖާބަދިނުމަށް 4.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަލަށް އިންތިހާބުވެފައިވާ ސަރުކާރަށްވެސް ކުރެވިދާނެ ބައެއް ކަންކަން އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން އެންޑީއެމްއޭއަށް ލިބިދޭ އެންމެހައި އިޚްތިސާސްތަކާއި ބާރުތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ބުނެފައިވެއެވެ. އަދި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓް ކުރުމާއި ބަޖެޓް ކަނޑައެޅުމާއި، ތަރައްޤީގެ ޕްލޭންތަކާއި މަޝްރޫއުތަކުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަފްހޫމް ހިމަނައި ރައްކާތެރި ބިނާވެއްޓަކަށް އިސްކަންދީ މުޖްތަމައު ބާރުވެރިކުރުވުން ވަނީ ފާހަގަކޮށްފައެވެ.

ކާރިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބޭ ދާއިރާތަކާއި ރައްޔިތުން އިންޝުއަރެންސްއަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއްކަމަށާއި، ބައެއް ދާއިރާތައް އިންޝުއަރެންސް ކުރުމަށް މަޖުބޫރުކުރުވުމަކީވެސް ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ ރިސްކު ޓްރާންސްފަރ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ވިލުންތެރި ކުރިމަގަށްޓަކައި ތަފާތުކުރުން ނައްތާލުން". އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.